ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި ހައްޔަރުކުރެވުނު ބައެއް މީހުން ދޫކޮށްލައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނީ “މުތާ ޑައިމަންޑް” ކިޔާ ބޯޓަކުން 7 ކިލޯގެ މަސްތުވާތަކެތި ފެނުމާ ގުޅިގެންނެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު 10 ބިދޭސީންގެ ތެރޭގައި ހިމެނެނީ އިންޑިއާއަށް ނިސްބަތްވާ 7 މީހުންނާއި އިންޑޮނޭޝިއާއަށް ނިސްބަތްވާ 3 މީހުންނެވެ. މައްސަލައިގެ ތަހުގީގަށް ބޯޓުގެ ސީސީޓީވީ ފުޓޭޖް ނަގާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި މައްސަލައިގައި ކުރިން ދޫކޮށްލެވުނު މީހެއްގެ މައްސަލަ ދައުލަތުން ވަނީ އިސްތިއުނާފު ކޮށްފައެވެ. އަދި ބައެއް މީހުންގެ ބަންދު މުއްދަތު މި ހަފްތާގައިވެސް އިތުރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު މީހުންނަށް ވަކީލުން ހަމަޖައްސައިދޭން ޖެހުނީ ދައުލަތުންނެވެ. މިހާރު ބޯޓު ދޫކޮށްލުމާ ގުޅިގެން ބައެއް ފަޅުވެރިންނާއެކު ބޯޓު ވަނީ ފުރައިގެން ގޮސްފައެވެ.
މި މައްސަލައަކީ މާރޗް މަހުގެ 21 ވަނަ ދުވަހު ހާމަވި މައްސަލައެކެވެ. މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރިއަށްދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

