ދިރާގުން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބަލަހައްޓާ މަރުކަޒުތަކަށް 230،380 ރުފިޔާ ހަދިޔާކޮށްފިއެވެ.
ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ އިސްނެގުމުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރޯދަ މަހު ހިންގި ޕްރޮގްރާމަށްވެސް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
އެގޮތުން، މި ޕްރޮގްރާމުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބަލަހައްޓާ މަރުކަޒުތަކަށް ޖުމްލަ 230,380ރ. ދިރާގުން ހަދިޔާކޮށްފައިވެއެވެ.
ދިރާގުން މި ފައިސާ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާއި ރަސްމީކޮށް ހަވާލުކުރައްވާފައިވާއިރު، އެ ވުޒާރާގެ ފަރާތުން މި ފައިސާއާއި ހަވާލުވެވަޑައިގަތީ، ވަޒީރު ޑރ އާއިޝަތު ޝިހާމެވެ. ދިރާގުގެ ފަރާތުން ފައިސާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދެވެ.
ދިރާގައަކީ އަބަދުވެސް އިޖްތިމާއީ ގޮތުން ރައްޔިތުންނަށާއި އެކި ޖަމިއްޔާތަކަށާއި މުޅި މުޖުތަމައަށްވެސް އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެއް ކަން ފާހަގަކޮށްލެވެއެވެ.

