މި އަަހަރުގެ މިހާތަނަށް އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ އޭޓީއެމްތައް މެދުވެރިކޮށް 1.45 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބޭންކަށް ޖަމާކޮށްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ހާމަކޮށްފިއެވެ.
ށ. އަތޮޅުގެ ހުރިހާ އަތޮޅެއްގައި ގާއިމްކުރި އޭޓީއެމްތައް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މިއަހަރުގެ މިހާތަނަށް މުޅިން އަލަށް 37 ރަށެއްގައި ސެލްފް ސަރވިސް ބޭންކިން ހިދުމަތް ގާއިމު ކޮށްފައިވާ ކަމަށާއި އެރަށެއްގައި ތިބެގެން ޒަރޫރީ ބޭންކިންގެ ވަސީލަތްތައް ހޯދޭނެ އޭޓީއެމް ގާއިމުކުރުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާކަމަށެވެ.
އަތޮޅުތެރޭ ގާއިމްކޮށްފައިވާ އޭޓީއެމް މެދުވެރިކޮށް އަހަރުގެ މިހާތަނަށް 1.45 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާ ކަމަށާއި މި އަދަދުންވެސް މުޖްތަމައުއަށް އޭޓީއެމްގެ ހިދުމަތަކީ ކިހާ މުހިންމު ހިދުމަތެއް ކަން ވަރަށް ބޮޑަށް ހާމަވެގެންދާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލްގެ ވިއުގަ މުޅިރާއްޖެއަށް ފުޅާކުރަމުން ދަނީ ކޮންމެ ރައްޔިތަކަށް ވެސް ފަސޭހައިން ވާސިލުވެވޭނެ ބޭންކިން ނިޒާމެއް ގާއިމު ކުރުމުގެ މަގްސަދުގައި ކަމަށްވެސް ޝަރީފް ވިދާޅުވެފައިވާއިރު، މިހާތަނަށް 20 އަތޮޅުގައި 39 ބްރާންޗް، 133 ސެލްފްސާވިސް ބޭންކިން ސެންޓަރު، 188 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތް ބީއެމްއެލް އިން ވަނީ ގާއިމްކޮށްފައެވެ.

