އިމިގްރޭޝަން އޮފިސަރުންގެ ގޮތުގައި 50 މުވައްޒަފުން ނެގުމަށް މިއަދު ކުރިއަށްގެންދިޔަ ވޯކް-އިން އިންޓަވިއުއަށް ލިބުނު ތަރުހީބުން، އިމިގްރޭޝަން މުވައްސަސާއަށް އާންމުން ކުރާ އިތުބާރު ހާމަވެގެންދިޔަކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، އަޙްމަދު ފަޞީޙް ވިދާޅުވެއްޖެއެވެ.
ގަލޮޅު ސްކޫލްގައި ހެނދުނު 9:00 އިން ހަވީރު 5:00 އާ ހަމައަށް ކުރިއަށްދިޔަ މި އިންޓަވިއުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ޒުވާނުން ދިގު ކިއުތަކެއް ހަދައިގެން ތިބިކަން ފާހަގަކުރެވުނެވެ. މިއީ އިމިގްރޭޝަނުން ފުރަތަމަ ފަހަރަށް ކުރިއަށްގެންދިޔަ ވޯކް-އިން އިންޓަވިއުއެކެވެ.
“އަޅުގަނޑު ހިއެއް ނުކުރަން މިހާ ބޮޑު ތާއީދެއް ލިބޭނެ ކަމަކަށް. މިކަމުން މި ރަމްޒުކޮށްދެނީ އާންމުން މި މުވައްސަސާ ބަލައިގަތްކަން،” ކޮންޓްރޯލަރ ޖެނެރަލް އަޙްމަދު ފަޞީޙް ވިދާޅުވިއެވެ.
އިންޓަވިއުގެ މަރުހަލާއަށްފަހު ދެ އިމްތިހާނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އިމްތިހާނުތަކުން އެންމެ މޮޅު ނަތީޖާ ހޯދާ 50 ފަރާތަކަށް ވަޒީފާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މަޤާމުތަކަށް ހޮވޭ ފަރާތްތައް އާންމުކޮށް އިޢުލާންކުރެވޭނެ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިއެވެ.
މި ވަޒީފާތަކަށް ހޮވޭ ފަރާތްތަކަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަސައްކަތްކުރުމަށް ޚާއްޞަކޮށް ތަމްރީނުކުރެވޭނެ މުވައްޒަފުންނެވެ. މިއަހަރުގެ ފަހުކޮޅު ހުޅުވުމަށް ތައްޔާރުވަމުންދާ އެއަރޕޯޓުގެ އައު ޕެސެންޖަރ ޓާމިނަލްއަށް ތައްޔާރުވުމުގެ ގޮތުން އެމްއޭސީއެލް އަދި ކަސްޓަމްސްއިން ވެސް ދަނީ އިތުރު މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

