ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓުނު ހާދިސާއާ ގުޅިގެން، 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ ބަޔާން ނެގުމަށް ފުލުހުން މިހާތަނަށް ރަސްމީކޮށް އަންގާފައި ނުވާކަމަށް ޔުމްނުގެ އާއިލާއިން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން ބުރާސްފަތި ދުވަހު ބުނެފައިވަނީ ޔުމްނުގެ ބަޔާން ނަގަން އާއިލާއިން އެއްބާރުލުން ނުދޭތީ މެލޭޝިއާ ފުލުހުންނާ ގުޅިގެން އެކަމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޔުމްނު މެލޭޝިއާއަށް ގެންދިޔަ ދުވަހުން ފެށިގެން ދެ ފުލުހަކު މެލޭޝިއާގައި ތިބިކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް ޔުމްނުގެ އާއިލާއިން މިއަދު ފުލުހުންނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ފުލުހުން މީޑިއާތަކަށް ދީފައިވާ މައުލޫމާތަކީ ކަންހިނގި ގޮތާ ކަނޑައެޅިގެން ހިލާފު މައުލޫމާތު ކަމަށެވެ.
އާއިލާއިން ތުހުމަތުކުރާ ގޮތުގައި، މައްސަލައިގެ ތަހުގީގު ހިންގުމެއްނެތި، ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ފުލުހުން ބުނެފައިވަނީ ވަކި މަގުސަދެއް ހާސިލުކުރުމަށެވެ. އަދި މިހާތަނަށް ފުލުހުން އަމަލުކޮށްފައިވާ ގޮތުން މައްސަލަ އިންސާފުވެރިކަމާއެކު ތަހުގީގު ކުރާނެކަމުގެ ޔަގީންކަން އާއިލާއަށް ނެތް ކަމަށްވެސް ބުނެފައިވެއެވެ.
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޑރ. ހަސަން އުމައިރު ޔުމްނުގެ އާއިލާއާ މެލޭޝިއާގައި ދޮޅު ގަޑިއިރު ވަންދެން ބައްދަލުކުރެއްވި ކަމަށާއި، ނަމަވެސް ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއް ހޯދަން ފުލުހުން ރަސްމީކޮށް އެދިފައިނުވާ ކަމަށް އާއިލާއިން ފާހަގަކޮށްފައިވެއެވެ. މިވަގުތު ޔުމްނު އޮތީ ތަހުގީގަށް ބަޔާން ދެވޭ ފަދަ ހާލަތެއްގައި ނޫންކަން ޑޮކްޓަރުންގެ ރަސްމީ ލިޔުންތަކުން އެނގޭކަމަށްވެސް އާއިލާއިން ބުނެފައިވެއެވެ.
ޔުމްނު ވެއްޓުނު މައްސަލަ ފުލުހުންނާއި ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަމުންދާއިރު، އެ ހާދިސާ ހިނގިގޮތް އަދިވެސް ހާމަވެފައެއް ނުވެއެވެ. ޔުމްނު ހޭ އެރުމަށްފަހު ބުނެފައިވަނީ އޭނާ އަމިއްލައަށް އިމާރާތުން ފުންމާނުލާ ކަމަށާއި، އެ ހާދިސާ ހިނގިއިރު ޔުމްނު ކައިރީގައި މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލުގެ އިތުރުން އިތުރު ބަޔަކުވެސް ތިބިކަމަށެވެ.
އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓުނު ހާދިސާ ފުލުހުންނަށް ރިޕޯޓުކުރެވުނީ އޭޕްރީލް 18 ވަނަ ދުވަހުގެ ހެނދުނު 7:30 ހާއިރުއެވެ.
މި މައްސަލައިގައި ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކުރި ރައުދަކީ ހާދިސާ ހިނގި ވަގުތު ޔުމްނުއާއެކު ފެންޓެނޯއީ ގޭގައި ހަރަކާތްތެރިވަމުން ދިޔަ މީހެކެވެ. ފުލުހުން މީގެކުރިން ވަނީ ޔުމްނު ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން ފުންމާލީ އަމިއްލައަށް ކަމަށް ބުނެފައެވެ.
ފުލުހުން ވަނީ ރައުދާއި ޔުމްނު ފެންޓެނޯއީގޭގެ އެތެރޭގައާއި އިމާރާތުން ބޭރުގައި އުޅޭ މަންޒަރުތައް ފެންނަ ވީޑިއޯ ފުޓޭޖު އާންމުކޮށްފައެވެ. މި މައްސަލައިގައި ޔުމްނު ހިމެނޭހެން ޖުމުލަ 8 މީހެއްގެ ފޯނާއި ޕާސްޕޯޓުވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓާފައެވެ.
މީގެއިތުރުން، މައްސަލައިގެ ތަހުގީގުގެ ތެރެއިން މއ. މާންދޫގެ ދެކުނުބައިގެ ޓެރަހާއި އެ އިމާރާތުގެ 2 އަދި 4 ވަނަ ފަންގިފިލާ ބަލައި ފާސްކޮށްފައިވާ ކަމަށާއި، ހ. ކަށިވެލި ގޭގެ 3 ވަނަ ފަންގިފިލާވެސް ފުލުހުން ވަދެ ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

