ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" ގައި ގައިދީންނާއި ޕްރިޒަން އޮފިސަރުންގެ އުފެއްދުންތެރިކަމުގެ ހުނަރުތައް ދައްކާލައިފިއެވެ. މި މައުރަޒު ރޭ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ބެލުމުގެ ދަށުގައިވާ ގައިދީންގެ އުފެއްދުންތައް މި މައުރަޒުގައި ދައްކާލަނީ ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ (ޕްރެސްކޯ) މެދުވެރިކޮށެވެ. މި މައުރަޒުގައި 21 ގައިދީއެއްގެ 16 އުފެއްދުމަކާއި ހަތަރު އޮފިސަރެއްގެ ހަތަރު އުފެއްދުން ހިމެނެއެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025،ގައިދީއެއްގެ ހުނަރު
އެމްސީއެސްއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި މައުރަޒުގައި ގައިދީންގެ އުފެއްދުންތައް ބައިވެރިކުރުމުގެ މައިގަނޑު މަޤްޞަދަކީ ގައިދީންނަށް އެމީހުންގެ ހުނަރުތައް މުޖުތަމަޢުއަށް ދައްކާލުމުގެ ފުރުޞަތު ހޯދައިދިނުމާއި، ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ތެރެއިން ދަސްކޮށްދޭ މަސައްކަތްތަކުން އުފައްދާ ތަކެތި ވިއްކައިގެން އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދިނުމެވެ.
މި މައުރަޒުގައި އުފެއްދުންތައް ބައިވެރިކޮށްފައިވާ ގައިދީންގެ ތެރެއިން ތިން ގައިދީއަކަށް މައުރަޒަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ރޭ ދީފައިވާ ކަމަށް އެމްސީއެސްއިން ބުނެފައިވެއެވެ. އަދި މައުރަޒު ކުރިއަށްދާ މުއްދަތުގައި އިތުރު ގައިދީންނަށްވެސް މި ފުރުޞަތު ދެވޭނެ ކަމަށް އެ ސަރވިސްއިން މަޢުލޫމާތު ދީފައިވެއެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025،ގައިދީއެއްގެ ހުނަރު، ރާޒުވާބައެއް، ރައީސްގެ ދެކަނބަލުން ބައްލަވާލައްވަނީ
ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި ބާއްވާ މި މައުރަޒަކީ އިޤްތިޞާދީ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ކުރިއަށްގެންދާ މައުރަޒެކެވެ. މި މައުރަޒު ކުރިއަށްދާނީ މެއި މަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

