ހދ. ނޮޅިވަރަމްގައި މިއަދު ހަވީރު މޫދަށް އެރި އުޅުނު އުމުރުން 65 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ. މި ހާދިސާގައި ނިޔާވި ފަރާތަކީ އެރަށު ފިލްމީސައިޑް އިބްރާހިމް އިސްމާއީލް (އިބްރާހިމްބެ) އެވެ.
ނޮޅިވަރަމް ކައުންސިލް މެމްބަރު މުހައްމަދު މުސްތަފާ ހުވަދޫމީޑިއާއަށް މައުލޫމާތު ދެއްވި ގޮތުގައި، އިބްރާހިމްބެ ގެއްލިގެން އާއިލާއިން ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 17:35 ހާއިރުއެވެ. އޭނާ ގެއްލިގެން ރިޕޯޓް ކުރުމާއެކު ފުލުހުންނާއި ކައުންސިލް އަދި ރަށުގެ ރައްޔިތުން ގުޅިގެން ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
“އަޅުގަނޑަށް އިބްރާހީމްބެގެ އަންހެނުން އެ ހަބަރު ދިނީ ހަވީރު 5:35 ހާއިރުގައި، ދައްތަ ބުނީ އެންމެ ފަހުން ފެނުނީ 11:00 ހާއިރު ކަމަށް، މަހެއް ގަންނަން ދަނީ ކަމަށް ބުނެލާފައި އިބްރާހީމްބެ އެގަޑީގައި ދިޔަ ކަމަށްވަނީ، ދެން އޭގެ ފަހުން ހަބަރެއް ނުވޭ، 5:35 ހާއިރު ހަބަރެއް ނުވެގެން ދައްތަ އަޅުގަނޑަށް އެހަބަރު ދިނުމުން 5:36 ހާއިރު އަޅުގަނޑު ޕޮލިހަށް ގުޅީ، ދައްތަ ބުނީ މޫދަށް އެރޭ ސަރަހައްދު ބަލާފައޭ މިއައީ، ބުނީ ވަގުތުން ޕޮލިސް އަށާއި، ރަށުގެ އެކި މީހުންނަށް ގުޅިގެން ހަމަ އެ މަސައްކަތް ފެށީ، އަޅުގަނޑުމެންނަށް އެ ހަބަރު ލިބި ބައިގަޑިއިރު ތެރޭގައި އެ ސަރަހައްދުން މޫދުން ނަގާ ސިއްހީ މަރުކަޒަށް ގެންދިޔައީ،”. އޭނާ ވިދާޅުވިއެވެ.
މުސްތަފާ ވިދާޅުވީ، އެ ބޭބެ ކޮންމެ ދުވަހަކުވެސް މެންދުރު ނަމާދުގެ ކުރިން ފެންވަރާލަން މޫދަށް ގޮސް އުޅޭ ކަމަށާއި އާއްމުކޮށް މިރަށު ގިނަބަޔަކު މޫދަށް އެރެންދާ އެ ސަރަހައްދަށް މިއަދު ހަވީރު ދައްތަ ދިޔައިރު، އެތަނުގައި ބޭބެގެ ބައިސްކަލާއި ޓައްޕު ހުރި ކަމަށެވެ. އިބްރާހީމްބެގެ ބައިސްކަލާއި ސާމާނު ފެނުމުން މޫދަށް ފޭބީކަމަށް ލަފާ ކުރެވުނު ކަމަށާއި އެހެންކަމުން އެދިމާލުން މޫދަށް ފައިބާ ހޯދަން ފެށި ކަމަށެވެ.
“ހަބަރު ލިބުނުތާ ގާތްގަނޑަކަށް 30 ހަކަށް މިނެޓުތެރޭ އިބްރާހީމްބެ ފެނިގެން ނެގިއްޖެ،” މުސްތަފާ ކިޔައިދެއްވިއެވެ.
އިބްރާހިމްބެ އޮތީ މޫދަށް އެރޭ ސަރަހައްދުގެ މޫދު އަޑީގައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އޭނާ މަސް ގަންނަން ދިޔަ ފަހުން ހަބަރެއް ނުވެ ގެއްލިފައިވާ މައްސަލަ މިއަދު 17:45 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި އޭނާ ހޯދަމުން ދަނިކޮށް ފެނިފައި ވަނީ އެެރަށު އޮޑިއެހެލާ ސަރަހައްދުގެ މޫދުގައި ނިޔާވެފައި އޮއްވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މުސްތަފާ ވިދާޅުވި ގޮތުގައި ވަގުތުން އިބްރާހީމްބެ ސިއްހީ މަރުކަޒަށް ގެންދެވުނު ކަމަށާއި ކުޅުދުއްފުށިން ދެ ބޭފުޅަކު ވަޑައިގެން ތަހުގީގު ކުރައްވަމުން ގެންދަވާ ކަމަށެވެ. މުސްތަފާ ވިދާޅުވީ އަދި އާއިލާ އާ ހަވާލު ނުކުރާ ކަމަށާއި އެބޭފުޅުން އަދި ކަންތައްތަކެއް ބައްލަވައި ޓެސްޓުތަކެއް ހަދާފައި އާއިލާއާ ހަވާލުކުރާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

