ރ. މަޑުއްވަރީ ފުޓުބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ނިންމާލައިފިއެވެ. މިކަން އާރްޑީސީން މިއަދު ވަނީ ރަސްމީކޮށް ހާމަކޮށްފައެވެ.
މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މާރިޗް މަހުގެ 3 ވަނަ ދުވަހު މަޑުއްވަރީއަށް ކުރެއްވި ދަތުރުފުޅެއްގައި، އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމެއްގައި ވެވަޑައިގެންނެވި ވައުދުފުޅެއްގެ ދަށުން ކުރިއަށް ގެންދެވުނު މަޝްރޫއެކެވެ.
އެ ބައްދަލުވުމުގައި މަޑުއްވަރީ ކައުންސިލުން ފާހަގަކުރި މައިގަނޑު ކަންބޮޑުވުންތަކުގެ ތެރޭގައި، ރަށުގެ ޒުވާނުންނަށް ފުޓްބޯޅަ ކުޅުމަށް ރަނގަޅު ފެންވަރުގެ ދަނޑެއް ނެތްކަން ހިމެނުނެވެ. މި ކަންބޮޑުވުމަށް އިޖާބަދެއްވަމުން ރައީސް މުޢިއްޒު ވަނީ އެކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މި މަޝްރޫއުގެ ދަށުން ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ނިމުމާއެކު، މަޑުއްވަރީގެ ޒުވާނުންނަށް ފުޓްބޯޅަ ކުޅުމަށް ބޭނުންވާ ރަނގަޅު ފެންވަރުގެ ވަސީލަތެއް ޤާއިމްވެގެން ދާނެއެވެ. މީގެ ސަބަބުން ރަށުގެ ކުޅިވަރުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

