ސަންގު ޓީވީގެ 10ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ބައިވެރިިވެވަޑައިގަންނަވައިފިއެވެ. މިހަފުލާގައި 2024ވަނަ އަހަރުގެ އެންމެ މޮޅު މުވައްޒަފުގެ އެވޯޑް ހާސިލު ކުރެއްވި ފަރާތަށް އެވޯޑާއި އިނާމު ޙަވާލުކޮށްދެއްވީ ރައީސް ޑރ މުއިއްޒެވެ.
މި ހަފްލާގައި ސަންގު ޓީވީގެ މުވައްޒަފުންގެ ތެރެއިން 2024ވަނަ އަހަރު ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ޖުމްލަ 7 އެވޯޑެއް ދީފައިވެއެވެ. މީގެ ތެރޭގައި އެންމެ މަތީ އެވޯޑްކަމުގައިވާ "ސްޓާފް އޮފް ދި އިޔަރ 2024" ވަނީ މާހަތު ޙުސައިން ރަޝީދަށް ލިބިފައެވެ.
އެހެނިހެން އެވޯޑްތަކުގެ ތެރޭގައި، ރެކޮގްނިޝަން އެންޑް އެޕްރިސިއޭޝަން އެވޯޑް ހަތަރު މުވައްޒަފަކަށް ލިބުނުއިރު، މޯސްޓް ޕްރޮމިސިންގ އެމްޕްލޯއީގެ އެވޯޑް އާމިނަތު ވިރުޝާއަށް، އަދި ބެސްޓް ކޮންޓްރިބިއުޓަރގެ އެވޯޑް އާމިނަތު ނިޝްފާއަށް ލިބިފައިވެއެވެ. މީގެއިތުރުން، އަޒްފާ ރަޝީދަށް ބެސްޓް ނިއުސް އެންކަރގެ އެވޯޑް ލިބިފައިވާއިރު، ފާތުމަތު މަދަދާއަށް ބެސްޓް ޕްރޮގްރާމް ޕްރެޒެންޓަރގެ އެވޯޑް ލިބިފައިވެއެވެ.

ސަންގުޓީވީއަށް 10 އަހަރު؛ ޝަރަފުވެރި ކޮށްދެއްވީ ރައީސްގެ ދެކަނބަލުން—ފޮޓޯ:ރައީސްއޮފީސް
ސަންގު ޓީވީގެ 10 އަހަރުގެ ދަތުރު ދައްކުވައިދޭ ޚާއްސަ ވީޑިއޯ ރިޕޯޓެއް މި ހަފްލާގައި ދައްކާފައިވާއިރު، އަހަރީ ދުވަހުގެ ޚާއްސަ ކޭކުފެޅުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ހަފްލާ ނިންމާލާފައިވަނީ ހަވާއެރުވުމުގެ ހަރަކާތަކާއެކުގައެވެ.
2015 ވަނަ އަހަރު އުފެދުނު ސަންގު ޓީވީއަކީ ދިވެހިރާއްޖޭގެ އަމިއްލަ ބްރޯޑްކާސްޓިންގ ޓީވީ ޗެނަލެއް ކަމުގައިވާއިރު، މި ޗެނަލްގެ އަހަރީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ.

