ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި އެއާޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން ފުލުހުން ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވާ ހައްޖުވެރިން މިމަހުގެ 26، 27، 29 އަދި 30ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާތީ އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބާރު ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެހެންކަމުން މި ދުވަސްތަކުގައި އެއާޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން ފުލުހުން ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.
އަދި އެއާޕޯޓުން ފުރާ އެހެން މީހުންވެސް ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ލަސްތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމަކަށްވުމާއެކު، އެ ދުވަސްތަކުގައި ފުރާ މީހުންވެސް ދުރާލާ އެއާޕޯޓަށް ގޮސް ފުރުމުގެ އިންތިޒާމުތައް ނިންމުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
މީގެ އިތުުރުން ހައްޖުވެރިންނާއެކު އެއާޕޯޓަށް ވަޑައިގަންނަވާ ގާތްތިމާގެ މީހުންނާއި އެއާޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުންވެސް ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރެއްވުމަށް ފުލުހުންގެ ޚިދުމަތުން ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

