ފޭކް ސްލިޕްތަކެއް ފޮނުވައިގެން މަކަރާއި ހީލަތުގެ އެތައް މައްސަލައެއްގައި މީގެ ކުރިން ވެސް އެތައް ފަހަރަކު ހައްޔަރު ކޮށްފައިވާ މީހަކު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގ.ސިނަމާލެ 1 05-13 / މާލެ، އުމުރުން 28 އަހަރުގެ ޒައިދާން މުޙައްމަދު ހާޝިމެވެ.
ޒައިދާން މިފަހަރު ހައްޔަރު ކުރީ ތަފާތު އެކި ދުވަސްމަތިން “ފުޑީސް ޑެލިވަރީ” އަށް ކާބޯތަކެއްޗަށް އޯޑަރުކޮށް، ހިދުމަތް ހޯދުމަށްފަހު ފައިސާ ދެއްކި ކަމަށް ބުނެ އަސްލު އޮޅުވާލައިގެން ސައްހަ ނޫން ސްލިޕްތަކެއް ހަދައި “ފުޑީސް ޑެލިވަރީ” އަށް ފޮނުވާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުންގެ ވެބްސައިޓްގައި އާއްމުކުރި ޚަބަރެއްގައި ބުނެފައި ވަނީ ޒައިދާނަކީ މަކަރާއި ހީލަތުގެ ކުށުގެ އަމަލު ހިންގާފައިވާ ކަމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއްކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރިން ތަހްގީގު ހިންގި މައްސަލަތަކުގެ ތަފްސީލެއް ފުލުހުން މިއަދު ހާމައެއް ނުކުރެއެވެ.
އެ މައްސަލައާ ގުޅިގެން ޒައިދާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.

