ގޭންގްތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލް (2025/7) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލް ތަޞްދީޤުކުރެއްވީ ރައީސް އޮފީހުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ބިލް ތަންފީޛުކުރުމުގައި އިސް ދައުރެއް އަދާކުރާނެ އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ ތެރޭގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރ ޢަލީ އިހުސާން، އެޓަރނީ ޖެނެރަލް އަޙްމަދު އުޝާމް، އަދި ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފްގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސް އޮފިސަރުން ހިމެނެއެވެ.
2025 މެއި 15 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި ބިލަކީ، ސަރުކާރުގެ ފަރާތުން މަންޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްޠަފާ ޙުސައިން ހުށަހެޅުއްވި ބިލެކެވެ. މަޖިލީހުގައި ނެގުނު ވޯޓުގައި 55 މެންބަރުން ބިލް ފާސްކުރުމަށް ތާއީދުކުރައްވާފައިވާއިރު، 11 މެންބަރުން ވަނީ ބިލާ ދެކޮޅަށް ވޯޓު ދެއްވާފައެވެ.
ޤާނޫނުން ލިބޭ މުހިންމު ބާރުތައް
މި އައު ޤާނޫނުގެ ދަށުން ދިވެހި ފުލުހުންގެ ޚިދުމަތަށް ވަރަށް މުހިންމު ޤާނޫނީ ބާރުތަކެއް ލިބިގެންދެއެވެ. މީގެ ތެރޭގައި ގޭންގްތަކުގެ ބާރުވެރިކަން ކަނޑުވާލުމަށްޓަކައި ގޭންގްތަކާއި އެފަދަ ޖަމާޢަތްތަކާ ގުޅިފައިވާ ފަރާތްތައް ކޯޓު މެދުވެރިކޮށް ކަނޑައެޅުމުގެ ބާރު ހިމެނެއެވެ. އަދި ގޭންގްތަކަށް ފައިނޭންސްކުރާ ފަރާތްތަކާއި މެންބަރުން ރެކްރޫޓްކުރުން ހުއްޓުވުމުގެ ބާރުވެސް މި ޤާނޫނުން ލިބިދެއެވެ.
މީގެއިތުރުން، ގޭންގް ހަރަކާތްތަކާ ގުޅިގެން ނުހައްގު މުއްސަނދިކަން ހޯދާފައިވާ ފަރާތްތަކުގެ މައްސަލަތައް ތަޙްޤީޤުކޮށް، އެފަދަ ފައިސާއާއި މުދާ ދައުލަތަށް ނެގުމުގެ ބާރު ލިބިދެއެވެ. އަދި ކުޑަކުދިން ގޭންގްތަކާ ގުޅުވުން ހުއްޓުވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމާއި، ކޮންޓްރޯލް ޑެލިވަރީ އަދި ސިއްރު އޮޕަރޭޝަންތައް ހިންގުމުގެ ބާރުވެސް މި ޤާނޫނުގެ ދަށުން ލިބިގެންދެއެވެ.

