ރާއްޖެއާއި އިންޑިއާ ސަރުކާރާއި ދެމެދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަތީފަންތީގެ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.
ޚާރިޖީ ވަޒީރުގެ މިދަތުރުފުޅަކީ ދެދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ. މިދަތުރުފުޅުގެ ތެރެއިން މިމަހުގެ 26 ވަނަ ދުވަހު އޮންނަ މަތީ ފަންތީގެ މަޝްވަރާ ބައްދަލުވުމުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.
ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ބާއްވާ މަތީ ފަންތީގެ މަޝްވަރާ ބައްދަލުވުންތަކަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވެވި ބައްދަލުވުމަށްފަހު އެކުލަވާލެވުނު ތަސައްވަރު، “އަ ވިޝަން ފޮރ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާރޓްނަރޝިޕް” ގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމަށް ބާއްވާ ބައްދަލުވުންތަކެކެވެ.
ރައީސް މުއިއްޒުއާއި އަދި އިންޑިއާގެ ބޮޑުވަޒީރުގެ އިސްނެންގެވުމުގެ މަތިން އެކުލަވާލެވުނު ސަރުކާރުގެ މަތީ ފަންތީގެ ފަރާތްތައް ހިމެނޭ ކޯ ގުރޫޕްގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ މިއަހަރުގެ ޖަނަވަރީގެ މަހުގެ 29 ވަނަ ދުވަހުއެވެ.

