ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލާ ގުޅިގެން ހަދަންޖެހޭ ޤަވާއިދުތައް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މުޢިއްޒު އިބްރާހީމް މި ބިލު ތަސްދީޤުކުރެއްވުމަށް ރައީސް އޮފީހުގެ ދަރުމަވަންތަ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވީ، މި ބިލާ ގުޅިގެން ހަދަންޖެހޭ ޤަވާއިދުތަކުގެ ޑްރާފްޓް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށެވެ.
"ބިލު އަޅުގަނޑުމެންނަށް ލިބުނީއްސުރެ، 3 މަސްދުވަހުގެ ތެރޭގައި ކުރަންޖެހޭ ކަންތައްތަކަށް ތައްޔާރުވަމުން މިދަނީ. އޮފީހުން ހަދަންޖެހޭ ޤަވާއިދުތަކުގެ ޑްރާފްޓްގެ މަސައްކަތް ފެށިއްޖެ،" އައްބާސް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން، މި ބިލާ ގުޅޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނު ޕްރޮގްރާމްތައްވެސް ފަށާފައިވާ ކަމަށް އައްބާސް ޝަރީފް ވިދާޅުވިއެވެ. އަދި މި ތަމްރީނުތަކުގެ ތެރޭގައި ފުލުހުންނާ އެކު ވެސް ޕްރޮގްރާމްތަކެއް ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް އިތުރަށް ވިދާޅުވީ، މި ބިލާ ބެހޭގޮތުން އާންމުންނަށް މަޢުލޫމާތު ދިނުމަށްޓަކައި ފޯރަމްތަކެއް ބޭއްވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ގިނަ ދުވަސްތަކެއް ނުވެ މި ފޯރަމްތައް ބާއްވައި، ބިލުގައި ހުރި ކަންކަމާ ބެހޭ ގޮތުން އާންމުންނަށް މަޢުލޫމާތު ދެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތަށް މިކަމުގައި މަސައްކަތްކުރަނީ ބަޔަކު ކުށްވެރިކުރަން ނޫންކަމަށާއި ނަމަވެސް ޤާނޫނުގައި އޮތް ގޮތް ބުނެދީ ކުށްނުކުރާ ބަޔަކު ރާއްޖޭގައި އުފެއްދޭތޯ ކުރަމުންދާ މަސައްކަތެއްކަން އައްބާސް ވިދާޅުވިއެވެ. ޤާނޫނުގައި ހުރި ކަންކަމާއި ކުރީ ޤާނޫނާއި މިހާރުގެ ޤާނޫނާއި ހުރި ތަފާތުތަކާއި މިކަންކަން ޕަބްލިކަށް ބުނެދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ޕީޖީ އޮފީހާއި ފުލުހުން ގުޅިގެން ކުރަމުންދާނެކަމަށް ޕީޖީ އައްބާސް ޝަރީފް ވިދާޅުވިއެވެ.

