ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ އައު ޤާނޫނާއެކު ޤާނޫނުގެ ބާރު ނުފޯރާ ހިސާބުގައި ގޭންގުތަކަށް ދެން ހަރަކާތްތެރި ނުވެވޭނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ވަޒީރު އިހުސާން މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ތަސްދީޤުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު އިހުސާން ވިދާޅުވީ މި އައު ޤާނޫނަކީ ރާއްޖޭގައި ހިންގަމުންދާ ގޭންގު ކުށްތައް ހުއްޓުވުމަށް ޤާނޫނީ ގޮތުން ގެންނަން ޖެހޭ ގިނަ ބަދަލުތައް ގެނެސް، ގޭންގުތައް ހުއްޓުވުމަށް ގިނަ ބާރުތަކެއް ތަންފީޒީ އިދާރާތަކަށް ލިބިދޭ ޤާނޫނެއް ކަމަށެވެ.
“ފަސޭހަ ބަދަލުތަކެއް ނޫން. ޚާއްސަ އިޖުރާޢަތްތަކެއް ޚާއްސަ ބާރުތަކެއް ފުލުހުންގެ މުޢައްސަސާއަށް ދެވި ކުށްތައް ވަކިގޮތަކަށް ކަނޑައަޅައި މީގެ ތެރޭގައި މަޝްއޫލުވެގެން އުޅޭ ވަރަށް ގިނަ ފަރާތްތަކަށް މިހާރު އެކުރަމުންދާ ކަންކަން ވަރަށް އުނދަގޫވާގޮތަށް ނުކުރެވޭ ގޮތަށް މަގުފަހިކޮށްފައިވާ ބިލެއް ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤު ކުރެއްވީ” ވަޒީރު އަލީ އިހުސާން ވިދާޅުވިއެވެ.
މި އައު ޤާނޫނުގެ ދަށުން ގޭންގުތަކަކީ ކޮބައިކަން ކަނޑައަޅައި، ގޭންގެއްގެ ތެރޭގައި ހިމެނޭ މީހެއްކަން ކަނޑައެޅުމާއި އަދި ކުށްތައް ހުއްޓުވުމުގެ މުހިންމު އިޖުރާޢަތްތައް ކަނޑައަޅާނެއެވެ. މީގެއިތުރުން ނުހައްޤު މުއްސއްސަނދިކަން ހޯދުމާއި، ގޭންގު ކުށްތަކުގައި ކުޑަކުދިން ޝާމިލްކުރުމުގެ މައްސަލައަށްވެސް މި ޤާނޫނުގެ ތެރެއިން ހައްލުތަކެއް ހޯދުމަށް ވަނީ ހިމަނާފައެވެ.
ވަޒީރު އިހުސާން ވިދާޅުވީ މި ޤާނޫނުގެ ދަށުން ކުށްކުރާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ނޯންނާނެކަން ކަށަވަރު ކުރުމަށް ތަންފީޒީ އިދާރާތަކުން މަސައްކަތް ކުރައްވާނެ ކަމަށެވެ.
“އަޅުގަނޑު ކަށަވަރުކުރަން ކުރިއަށް އޮތްތާނގައި މިފަދަ ގޮތަކަށް ރާއްޖޭގައި ކުށްކުރާ ފަރާތްތަކަށް ޤާނޫނީ ރައްކާތެރިކަން ނުވަތަ ޤާނޫނުގެ ތެރެއިން އަތް ނުފޯރާ ހިސާބުގައި މިކަން ނުކުރެވޭނެ އެކަން އަޅުގަނޑުމެން ޔަޤީންކުރާނަން. ފުލުހުން އެކަން ޔަޤީންކުރައްވާނެ” ވަޒީރު އިހުސާން ވިދާޅުވިއެވެ.
ވަޒީރު އިހުސާން ވަނީ މިޤާނޫނަކީ ގޭންގު ކުށްތައް ހުއްޓުވުމަށް ކުށުގެ މާހައުލަށް އިންޤިލާބީ ބަދަލެއް ގެނުވާނެ ޤާނޫނެއްކަން ފާހަގަކުރައްވާފައެވެ. އަދި ޤާނޫނު ތަންފީޒުވާން ފެށުމުން ރަނގަޅު ބަދަލުތަކެއް ފެންނާނެ ކަމަށް ވަޒީރު އިހްސާން ވިދާޅުވިއެވެ.
ގޭންގު ކުށްތައް ހުއްޓުވުމުގެ އައު ޤާނޫނަށް ޢަމަލުކުރަން ފަށާނީ ބިލް ތަސްދީޤު ކުރިތާ 3 މަސް ދުވަސް ފަހުންނެވެ.

