މިއަދު (25 މޭ 2025) އަކީ މި އަހަރުގެ މިހާތަނަށް ފެމިލީ ކޯޓުގައި އެއްދުވަހާ އެންމެ ގިނަ ކައިވެނި ޢަޤްދު ކުރުމަށް ހަމަޖެހިފައިވާ ދުވަސްކަމަށް އެ ކޯޓުން މަޢުލޫމާތު ދީފިއެވެ.
ފެމިލީ ކޯޓުން މަޢުލޫމާތު ދިން ގޮތުގައި މިއަދު އެ ކޯޓުގައި ޖުމުލަ 59 ކައިވެނި ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ ރަސްމީ ގަޑީގައި ކުރުމަށް ހަމަޖެހިފައިވާ 23 ކައިވެންޏާއި، ނުރަސްމީ ގަޑީގައި ކުރުމަށް ހަމަޖެހިފައިވާ 36 ކައިވެންޏެވެ.
މިއަދަކީ 25/5/2025 ކަމަށްވުމާއެކު، ރީތި ތާރީޚެއްގައި ކައިވެނި ކުރުމަށް ގިނަ ބަޔަކު ޝައުޤުވެރިކަން ފާޅުކޮށްފައިވާކަން ފާހަގަކުރެވެއެވެ. ފަހަކަށް އައިސް ރާއްޖޭގައިވެސް ރީތި ތާރީޚުތަކުގައި ކައިވެނި ކުރުމަކީ ޓްރެންޑަކަށް ވެފައިވާ ކަމެއްކަން ފާހަގަކުރެވެއެވެ.
މިއަދު މި ހާ ގިނަ އަދަދެއްގެ ކައިވެނި ކުރުމަށް ހަމަޖެހިފައިވާތީ، ކޯޓަށް އަންނަ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފައިވެއެވެ. މި ގޮތުން ކޯޓުގެ ބޭރުގައި ޓެންޓް ޖަހައި، ގޮނޑި އިންތިޒާމު ކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ނަމަވެސް، ރީތި ތާރީޚުތަކުގައި ކައިވެނި ކުރުން އިތުރުވަމުން ދާއިރު، ރާއްޖޭގައި ވަރީގެ ނިސްބަތް މަތިވަމުން ދިއުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެއްގެ ގޮތުގައި އޮތް މައްސަލައެއްކަން ފާހަގަކުރެވެއެވެ.

