އިއްޔެ އިމިގްރޭޝަނަށް 50 ޓްރެއިނީ އޮފިސަރުން ހޯދުމަށްޓަކައި ކުރިއަށް ގެންދިޔަ ވޯކް-އިން އިންޓަވިއު އަށް ދިޔަ 861 މީހުންގެ ތެރެއިން ވަޒީފާއަށް ޝަރުތުހަމަވެފައި ވަނީ 758 މީހުން ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.
މިގޮތަށް އިންޓަވިއުތައް ގެންދިއުމުގެ އެންމެ ބޮޑު މަގުސަދަކީ ވަޒީފާއަށް އައްޔަންކުރުން އަވަސްކޮށް، ދެފުށް ފެންނަގޮތަށް އިންސާފުވެރިކަމާއެކު ވަޒީފާ ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށް އެ އިދާރާއިން ވިދާޅުވެފައިވާއިރު، މި މަސައްކަތުގައި 50 އަށްވުރެ ގިނަ އޮފިސަރުން ވަނީ ބައިވެރިވެފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.
އަދި ވަކި ކިއުސިސްޓަމެއް ތައާރަފުކޮށް، އިންޓަވިއުގެ ނަންބަރުތައް އޮންލައިންކޮށް ބަލާލެވޭނެ އިންތިޒާމުވެސް މި އިންޓަވިއުގައި ހަމަޖެއްސިފައިވާއިރު، އިންޓަވިއުއަށް ދިޔަ މީހުން ކިއު ހަދާފައި ގަލޮޅު މަދަރުސާ ބޭރުގައިވެސް ތިއްބެވެ.
ހަމައެއާއެކު، މި ވޯކް-އިން އިންޓަވިއުތައް ބައްލަވާލެވުމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީޕީ ރިޓަޔަޑް އަހްމަދު ފަސީހް ވަނީ ގަލޮޅު މަދަރުސާއަށް ޒިޔާރަތް ކުރައްވައި ޒުވާނުންގެ ފަރާތުން މި މަސައްކަތަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަން ފާޙަގަކުރައްވާފައެވެ.

