ހުޅުމާލޭގައި އަންހެނެއްގެ ލޯބިވެރިޔާ އާއި ކުރީގެ ފިރިމީހާއާ ދެމެދު ހިނގި މާރާމާރީއެއްގައި އެކެއްގެ ބޯ ފަޅާލައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ބުރެވިގަސް މަގުގައެވެ.
ފުލުހުން ބުނި ގޮތުގައި، މި މައްސަލަ މިއަދު މެންދުރު 13:00 ގައި ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ފުލުހުން ވަނީ ވަގުތުން ހާދިސާ ހިނގި ސަރަހައްދަށް ގޮސް ސީނަށް ހާޒިރުވެ ކަންހިނގި ގޮތް އޮޅުންފިލުވާފައެވެ.
މި މާރާމާރީގައި އާއިލާގެ އިތުރު މެންބަރުންވެސް ބައިވެރިވެ، ހަމަނުޖެހުން ހިންގާފައިވާ ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މި މާރާމާރީގައި އެއް ފަރާތެއްގެ ބޯ ފަޅާލުމުގެ އިތުރުން އެހެނިހެން ކުދި އަނިޔާތައްވެސް ލިބިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މި ހާދިސާގައި އަނިޔާ ލިބުނު ދެ ފަރާތަށްވެސް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. އަދި މައްސަލައާ ގުޅިގެން މާރާމާރީގައި ބައިވެރިވި ދެ ފަރާތްވެސް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.
ފުލުހުން ބުނިގޮތުގައި، މި މައްސަލައިގެ ތަހުގީގު ދަނީ ކުރަމުންނެވެ.

