މޯލްޑިވްސް ބްލަޑް ސަރވިސަސް އާއި ތެލެސީމިއާ ހިމޮގްލޮބިނޭޕަތީ ސެންޓަރ މާލެ ސިޓި އޮފް ހޮސްޕިޓަލްސްގެ ދަށަށް ބަދަލުކުރުމަށްފަހު ހުޅުމާލޭގެ “އޮރެންޖު ހިޔާ” އިމާރާތަށް އެތަން ބަދަލުކޮށް، ރަސްމީކޮށް އެތަން ހުޅުވައިފިއެވެ.
އޮރެންޖް ހިޔާގައި ބޭއްވި ރަސްމިއްޔާތެއްގައި މިތަން ހުޅުވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މިއާއެކު، މޯލްޑިވްސް ބްލަޑް ސަރވިސްގެ ހިދުމަތްތައް ދެމުން ދާނީ އޮރެންޖް ހިޔާގެ ހަތަރުވަނަ ފަންގިފިލާއިންނެވެ.
މާލޭގައި މީގެ ކުރިން ތެލެސީމިއާ ސެންޓަރު ހިންގަަމުން ގޮސްފައި ވަނީ ބާވެ ހަލާކުވެފައިވާ އިމާރާތެއްގައެވެ. އާންމުން މި އިމާރާތުގެ ހާލާއި މެދު ކުރަމުންދިޔަ ޝަކުވާތައް އަޑުއައްސަވައި، ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ސިފައިންނާއި ހަވާލުކޮށްގެން ކުރިއަށް ގެންދެވުނެވެ.
މިއާއެކު ރައީސް ޑރ. މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން، މި ތަން އޮރެންޖް ހިޔާއަށް ބަދަލުކޮށް ހިދުމަތްތައް ދޭން ފެށީ މެއި މަހުގެ 8 ވަނަ ދުވަހުއެވެ.
ޒަމާނީ ވަސީލަތްތަކާއެކު، ބިނާ ކުރަނިވި ޕޭޝަންޓް ސެންޓަަރިކް މޮޑެލެއްގެ ހިދުމަތް މި ސެންޓަރުން ދެވޭއިރު، މާލޭގައި ދިރިއުޅޭ ޑޯނަރުންނަށް ހާއްސަކޮށް “ޑޯނަރ ބްލީޑިންގ” ހިދުމަތްވެސް ތައާރަފްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. ހަމައެއާއެކު، ހާއްސަ ސްޕެޝަލިސްޓުންނަށް ދެއްކުމަށް އިންތިޒާމްތަކެއް ހަމަޖެހިގެން ދާނެ ކަމަށްވެސް އައިޖީއެމްއެޗް އިން ވިދާޅުވެފައި ވެއެވެ.
ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި މި ސެންޓަރުގައި އެންޑޯކްރިނޮލޮޖިސްޓްގެ ހިދުމަތް ފެށޭނެ ކަމަށާއި، ހެމެޓޮލޮޖީގެ ހިދުމަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށްވެސް އައިޖީއެމްއެޗް އިން ވިދާޅުވެއެވެ.
އޮރެންޖް ހިޔާގައި ހިދުމަތްދޭ ފެށި އާ ތެލެސީމިއާ ސެންޓަރުގައި ތިން ވޯޑެއްގައި ހިދުމަތް ދެވޭނެއެވެ. އެއީ ކުޑަކުދިންގެ ވޯޑް، އަންހެނުންނަށް ހާއްސަ ވޯޑް، އަދި ޖެނެރަލް ވޯޑެވެ. މި ތިން ވޯޑް ހިމެނޭހެން ޖުމްލަ 25 އެނދު މި ސެންޓަރުގައި ހުރެއެވެ.

