ފުޓްބޯޅައަށް ހައްގު މަގާމު އަލުން އަނބުރައި ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ދަނީ ކާމިޔާބީގެ އަމާޒަށް ދަތުރުކުރަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިކަން ރައީސް ފާހަގަކުރެއްވީ ބައިނަލްއަގްވާމީ ފުޓްބޯޅަ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ދިވެހި ފުޓްބޯޅައަކީ މުޅި ޤައުމު އެއްބައިވަންތަކޮށްދީފައިވާ ކުޅިވަރެކެވެ. އަދި “ފުޓްބޯޅައިން ޤައުމު ފަޚުރުވެރިވާނެ އެތައް ހުނަރުވެރިއެއް އުފެދިފައިވާ” ކަމަށާއި، ރާއްޖޭގެ ކުދިބޮޑު ހުރިހާ ރަށްރަށެއްގައި އިޖްތިމާއީ ރޫހު އާލާކޮށްދީފައިވަނީ ފުޓްބޯޅައިން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ މެޗުތައް ހުއްޓިފައިވާ ދަނޑިވަޅެއްގައި، ސަރުކާރުން އަންނަނީ ފުޓްބޯޅަ އަލުން ފެށުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން، ފީފާގެ އެހީތެރިކަމާއެކު ކްލަބްތަކަށް އަމާޒުކޮށްގެން ޚާއްޞަ މުބާރާތެއް މިހާރު ދަނީ ކުރިއަށެވެ.
ބައިނަލްއަޤްވާމީ ފުޓްބޯޅަ ދުވަހާ ގުޅިގެން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވަނީ ޚާއްޞަ ހަރަކާތްތަކެއް ހިންގާފައެވެ. މި ހަރަކާތްތަކުގައި މާލޭގެ އިތުރުން ބ. އޭދަފުށްޓާއި ހދ. ކުޅުދުއްފުށީގެ އެކަޑެމީތަކުގެ ކުޅުންތެރިން ވަނީ ބައިވެރިވެ، ފުޓްބޯޅައިގެ ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.
ފުޓްބޯޅައަށް އޭގެ ހައްގު މަގާމު އަނބުރާ ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ފުޓްބޯޅައަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

