މިއަހަރުގެ ޙައްޖު މޫސުމުގައި މަސްޖިދުއްނަމިރާގައި ޢަރަފާތު ދުވަހުގެ ޚުޠުބާ ދެއްވާނީ، އަލްމަސްޖިދުލްޙަރާމްގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞާލިޙު ބުން ޢަބްދުالله ޙުމައިދު ކަމުގައި ސަޢުދީ ރަސްގެފާނު ސަލްމާން ބުން ޢަބްދުލް ޢަޒީޒް މިއަދު ވަނީ ކަނޑައަޅުއްވާފައެވެ.
އަލްމަސްޖިދުލްޙަރާމްގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞާލިޙު ބުން ޢަބްދުالله ޙުމައިދަކީ ވަރަށް ޅަ އުމުރުގައި ކީރިތި ޤުރުއާން ހިތުދަސް ކުރެއްވި ބޭކަލެކެވެ. އަދި އެމަނިކުފާނު ވަނީ މަދީނާގެ އުއްމުލް ޤުރާ ޔުނިވަރސިޓީން ޕީއެޗްޑީ ހާސިލު ކުރައްވާފައެވެ.
ޙައްޖުގެ އެންމެ މުހިންމު އަޅުކަމަކީ ޢަރަފާތުގައި ހުރުން ކަމަށްވެފައި، ޢަރަފާތު ބިމަށް ނުދެވޭ މީހަކަށް ޙައްޖުގެ އަޅުކަން ފުރިހަމައެއް ނުވާނެއެވެ. ޙައްޖު ދުވަހުގެ އެންމެ ޚާއްސަ އެއް ކަމަކީ ޢަރަފާތު ބިމުގައި އިއްވޭ ޚުޠުބާއެވެ.
މަސްޖިދުއްނަމިރާގައި އިއްވޭ މި ޚުޠުބާއަކީ މުޅި އިސްލާމީ އުންމަތަށް އަގުހުރި ނަސޭހަތްތަކާއި އިރުޝާދުތައް ދެވޭ ޚުޠުބާއެކެވެ. އަދި ކޮންމެ އަހަރަކުވެސް ޙައްޖު ދުވަހުގެ ޚުޠުބާ ދެއްވާނެ ޚަތީބަކު ކަނޑައަޅުއްވަނީ ސީދާ ސަޢުދީ ރަސްގެފާނު ކަން ފާހަގަކޮށްލެވެއެވެ.

