ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަލީ ޒުހައިރު، އުތުރު ސަރަހައްދުގައި އެ ކޯޕަރޭޝަނުން ހިންގަމުންދާ މަޝްރޫޢުތަކުގެ މަސައްކަތްތައް ބެއްލެވުމަށް މިއަދު ހއ. އިހަވަންދޫ ސައިޓުގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރައްވައިފިއެވެ.
އާރްޑީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، އެމްޑީގެ މި ދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހއ. އިހަވަންދޫ އަދި ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ މަގުހެދުމުގެ މަސައްކަތްތައް ބައްލަވާލެއްވުމަށެވެ.
އުތުރު ސަރަހައްދުގައި އާރްޑީސީން މިވަގުތު ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރޭގައި ތިން ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ހިމެނެއެވެ. މިގޮތުން މަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ ހއ. ދިއްދޫ، ހއ. އިހަވަންދޫ އަދި ކުޅުދުއްފުށި ސިޓީގައެވެ.
އިހަވަންދޫގައި ކުރިއަށްދާ މަޝްރޫޢުގެ ދަށުން 15 މަގެއް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. އަދި ކުޅުދުއްފުށި ސިޓީގައި އެ ކޯޕަރޭޝަނުން ހިންގަމުންދާ މަސައްކަތުގެ ތެރޭގައި މަގުހެދުމާއި ދުވާރު ހެދުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢުތަކަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އާރްޑީސީން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ބައެކެވެ.

