މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަޙީދުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން 3 ދަޢުވާއެއް އުފުލައިފިއެވެ.
ޝަމްޢާންގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކުގެ ތެރޭގައި ހިމެނެނީ؛
- ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ،
- ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ،
- މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ
މި މައްސަލައިގައި ތުހުމަތު ކުރެވެނީ 11 މާރިޗު 2025 ވަނަ ދުވަހުގެ ރޭ، އިމިގްރޭޝަން ޗެކެއްގެ ނަމުގައި ބިދޭސީން ދިރިއުޅޭ ގެއަކަށް ވަދެ، ބަންގްލަދޭޝްގެ ރައްޔިތެއްގެ އަތުން 530،000 ރުފިޔާ އަތުލައިގަތް ކަމުގެ ތުހުމަތެވެ. މި މައްސަލައިގައި ޝަމްޢާންގެ އިތުރުން އިތުރު ހަތަރު މީހެއްގެ މައްޗަށްވެސް ދަޢުވާ އުފުލާފައިވެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މައްސަލައިގައި އެދިފައިވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި މައިނުއްދީންއަށް 500،000 ރުފިޔާ އަދި ދައުލަތަށް 400،000 ރުފިޔާ ނަގައިދިނުމަށެވެ. މި ދަޢުވާތައް ސާބިތުވެއްޖެނަމަ ޝަމްޢާންގެ މައްޗަށް މަދުވެގެން 9 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ޙުކުމެއް އަންނާނެ ކަމަށް ވެއެވެ.
މައްސަލައިގެ ހެކިންނަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭތީ، ޝަމްޢާން މިހާރު ހުރީ ޝަރީޢަތް ނިމެންދެން ބަންދުގައެވެ. މި މައްސަލައިގައި އިތުރު ފަރާތްތަކުގެ މައްޗަށްވެސް ތަފާތު ދަޢުވާތައް އުފުލާފައިވާއިރު، އެ ފަރާތްތަކުގެ ތެރޭގައި އިބްރާހީމް އަޙްމަދު، މުޙައްމަދު އަލްސަން އިސްމާޢީލް، އަދި އަޙްމަދު ލައްސާން ހިމެނެއެވެ.

