ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ މިއަދު މަގާމުން ވަކިކޮށްފިއެވެ. މި މަގާމުން ޒީނިޔާ ވަކިކުރުމަށް ނިންމާފައިވަނީ، ބްރޯޑްކޮމްގެ ކޮމިޝަނަރުން ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އެތައް އަމަލެއް ހިންގަމުންދާ ކަމަށް ތުހުމަތުކޮށް، އެ ކޮމިޝަނުގެ މުވައްޒަފުން ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައިވަނިކޮށެވެ.
މުވައްޒަފުން މަޖިލީހަށް ހުށަހެޅި ޕެޓިޝަނުގައި، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ތަކުރާރުކޮށް ދިމާވަމުންދާ ގޮންޖެހުންތައް ފާހަގަކޮށްފައިވެއެވެ. އަދި “އެސްޖީގެ މަސައްކަތްތަކަށް ސިޔާސީ ގޮތުން ނުފޫޒު ފޯރުވަމުންދާ” ކަމަށްވެސް އެ ޕެޓިޝަނުގައި ތުހުމަތުކޮށްފައިވެއެވެ.
މީގެ ކުރިން، މި މަހުގެ 20 ވަނަ ދުވަހު، ބްރޯޑްކޮމްގެ އިދާރީ ހިންގުމުގެ އިސްވެރިޔަކަށް ހުރި ޒީނިޔާ ވަނީ 96 ގަޑިއިރަށް ސަސްޕެންޑްކޮށްފައެވެ. އެ ސަސްޕެންޝަނާ ގުޅިގެން ބްރޯޑްކޮމްގެ މުވައްޒަފުން ވަނީ ވަޒީފާއަށް ނުނިކުމެ ހަޅުތާލުކޮށްފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މަގާމުން ވަކިކުރި ޗިޓް ޒީނިޔާއާ ހަވާލުކޮށްފައިވަނީ މިއަދު މެންދުރުފަހު 3:00 ގެ ފަހުންނެވެ. ނަމަވެސް މިހާތަނަށް މިކަމާ ގުޅޭގޮތުން ބްރޯޑްކޮމުން އެއްވެސް ރަސްމީ މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

