ދިވެހި ޙައްޖުވެރިންނަށް މައްކާ ރޫޓު އިނީޝިއޭޓިވް އިފްތިތާޙްކުރުމަށް މާދަމާ ބާއްވާ ޚާއްސަ ރަސްމިއްޔާތަށް މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ހިޒް އެކެސެލެންސީ ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާ ރޭ ރާއްޖެ ވަޑައިގަންނަވައިފިއެވެ.
އެމަނިކުފާނާއި، އެމަނިކުފާނާއެކު ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިތުރުން ރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީގެ އިސްވެރިންނެވެ.
އެމަނިކުފާނާއެކު ވަޑައިގެންނެވި ވަފުދުގައި ދެން އިސްކޮށް ހިމެނިލައްވާ ބޭފުޅުންގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާގެ ފޮރިން އެފެއާޒް މިނިސްޓްރީގެ ޙައްޖު، އުމްރާ އަދި އެންޑޯސްމެންޓް ޑިޕާޓުމެންޓުގެ ޑިރެކްޓަރ ޖެނެރަލް ހިޒް އެކްސެލެންސީ މޭޖާ ޖެނެރަލް އަބްދުލްމޮނެމް ބިން ޢަބްދުލް ރަޙްމާން އަލް މަޙްމޫދުގެ އިތުރުން މައްކާ ރޫޓު އިނީޝިއޭޓިވް ސްޓީރިންގ ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް މޭކާ މުޙައްމަދު ބިން ނަސީރް އަލް ޙައްލާފް ފާހަގަކޮށްލެވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުއްވާފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުން މިކަމުގައި ޤައުމުތައް ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ހުރިހާ ޝަރުތުތަކަކުން ރާއްޖެ އިސްތިސްނާކޮށް ޚާއްސަ ކަން ދެވިގެންނެވެ.
މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙް ކުރުމަށް މާދަމާ މެންދުރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމެޖެހިފައިވާއިރު މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާނީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ.
މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ދިވެހި ޙައްޖުވެރިންނަށް ދެމުންދާ ޚިދުމަތްތައް ފަސޭހަ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއްކަން ފާހަގަކޮށްލެވެއެވެ.

