ރަޝިއާ އިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ލައްކައަށް އަރައިފިއެވެ.
މި އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާ އިންނެވެ. އެގޮތުން، މި މަހުގެ 18 ވަނަ ދުވަހާއި ހަމައަށް ޗައިނާއިން ރާއްޖެއަށް 110،711 ފަތުރުވެެރިން އައިސްފައިވެއެވެ.
ހަމައެއާއެކު، ޓުއަރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އެ ލިސްޓުގެ ދެވަނައިގައި އޮތް ރަޝިއާ އިން 101،318 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. ލިސްޓުގެ ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 96،275 ފަތުރުވެރިން އައިސްފައިވާއިރު، ހަތަރުވަނައިގައި އޮތް އިޓަލީން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 80،660 ފަތުރުވެރިންނެވެ.
ރާއްޖޭގައި މިހާރު 175 ރިސޯޓެއްގައި ފަތުރުވެރިންނަށް ހިދުމަތްދެމުންދާއިރު، 16 ހޮޓެލަކާއި، 841 ގެސްޓް ހައުސްގެ އިތުރުން، 158 ސަފާރީ އުޅަނދު ވެސް ދަނީ އޮޕަރޭޓު ކުރަމުންނެވެ.
މި އަހަރު ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމަކީ ސަރުކާރުުގެ އަމާޒެއްކަމުގައިވީއިރު، އެ އަމާޒު މި އަހަރުގެ ޑިސެމްބަރުގައި ހާސިލްކުރެވޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެއެވެ.

