އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "އުފާވެރި ރާސްތާ" ޕްރޮގްރާމަކީ، ދައުލަތުގެ އެހެން މުއައްސަސާތަކާއި ގުޅިގެން ރަށްރަށުގައި ދިރިއުޅޭ އިސްރަށްވެހިން ބޭރުތެރެއަށް، އުފާވެރި މާހައުލަކަށް ނެރެލާ އަނެކަކާއި ބައްދަލުވެ ހިޔާލު ބަދަލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤުސަދުގައި ކުރިއަށް ގެންދެވޭ ޕްރޮގްރާމެއް ކަމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވެފައިވަނީ، ޓީވީ ޕްރޮގްރާމެއްގައި މި ވުޒާރާގެ މައްސައްކަތްތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވަމުންނެވެ.
އެގޮތުން، އުފާވެރި ރާސްތާ ޕްރޮގްރާމްގެ ތެރެއިން، ރަށު ކައުންސިލްތަކާއި ގުޅިގެން، އިސްރަށްވެހިން ބެރުތެރެއަށް ނެރެލާ، ލުއި ކަސްރަތު ޕްރޮގްރާމުތަކުގައި ބައިވެރިވުމުގެ ފުރުސަތުތަށް ފަހިކޮށްދިނުންމާއި، މުޖުތަމަޢުގައި އެކަކު އަނެކަކާއި ބައްދަލުކޮށް ގުޅުން ބަދަހިކުރުން ފަދަ ކަންތައް ކުރެވިގެން ދާކަމުގައި މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
ހަމައެހެންމެ، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި، އުފާވެރި ދިރިއުޅުމެއް އުޅެވޭނީ، އެހެންމީހުންނާއި، ރަނގަޅު ހެޔޮ ގުޅުންތެރިކަމެއް ގާއިމުކުރެވިގެންކަމުގައި ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
"1938 ހާ ހިސާބު އެމެރިކާގެ ހާރވާޑް ޔުނިވާސިޓީން ހަދާފައިވާ ސްޑަޓީ އެއް، "ސްޑަޑީ އޮން އެޑަލްޓް ޑިވެލޮޕްމަންޓް"، އޭގައި އެމީހުން ވެސް ފާހަގަކުރައްވާފައިވަނީ އުފާވެރި ދިރިއުޅުމަކަށް، ހިތްހަމަޖެހޭ ދިރިއުޅުމަކަށް އެންމެ މުހިންމު ކަމަކީ ތިމާ އާއި އެހެންފަރާތްތަކާ އޮންނަ ގުޅުންކަމުގައި." މިނިސްޓަރ ވިދާޅުވިއެވެ.
އެހެންކަމުން، މުޖްތަމަޢެއްގައި އުފާވެރި ހަމަޖެހިގެން އުޅޭ ގިނަ ބަޔެއް އުޅޭ ކަމުގައި ވާނަމަ މުޅި މުޖުތަމަޢަށް ވެސް އޭގެއިން ފައިދާކުރާނެ ކަމުގައި ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، މި ވުޒާރާގެ ހުރިހާ ޕްރޮގްރާމަކުންވެސް ކުރެވޭ އެންމެ މައިގަނޑު އެއް މަސައްކަތަކީ މުޖުތަމައުގައި ހުރި ގުޅުންތައް ހަރުދަނާކޮށް އެކަކު އަނެކަކަށް އެހީތެރިވެވޭނެ ފަދަ ގޮތްތަކެއް ހޯދައިދިނުން ކަމުގައެވެ.

