އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން މި ވަގުތު މ އަތޮޅުގައި ކުރިިއަށް މިގެންދާ ކޮމިއުނިޓީ ބޭސްޓް ރީހެބިލިޓޭޝަން (ސީ.ބީ.އާރް) ތަމްރީން ޕްރޮގްރާމަކީ، ސީ.ބީ.އާރްގެ ޕްރޮގްރާމްތައް މ އަތޮޅުގެ ރަށްތަކުގައި ހިންގާއިރުގައި، މި ޕްރޮގްރާމު ހިންގާނެ ބޭފުޅުންނަށް ބޭނުންވާނެ ބައެއް މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދިނުމާއި، ހުނަރުތައް ތަރައްޤީކުރުމުގެ ގޮތުން ކުރިއަށް ގެންދެވޭ ޕްރޮގްރާމެއް ކަމުގައި މި ވުޒާރާގެ ސޯޝަލް ސަރވިސް ކޯޑިނޭޓަރ އާމިނަތު ރިފްޤާ ވިދާޅުވެއްޖެއެވެ.
މި ތަމްރީން ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި ބައިވެރި ވަނީ އިބަމަ މެންބަރުންކަން ފާހަގަކުރައްވާއި ރިފްޤާ އިތުރަށް ވިދާޅުވީ، ސީބީއާރް ޕްރޮގްރާމްތަކަކީ އެރަށެއްގެ މުޖްތަމައުތަކުގައި ތިއްބަވާ ބޭފުޅުން އިސްނަންގަވައިގެން ކުރިއަށް ގެންދަވާނެ ޕްރޮގްރާމްތަކަށް ވުމުން، މިފަހަރު ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދަނީ އެރަށްރަށުގައި އިޖުތިމާޢި ކަންކަމުގައި އިސްނަންގަވައިގެން ހަރަކާތްތެރިވާ ބޭފުޅުންވެސް ހިމެނޭގޮތަށް ކަމަށެވެ.
ހަމައެހެންމެ، ސީބީއާރް ޕްރޮގްރާމުގެ ތެރެއިން ފޯރުކޮށްދެވޭ ބައެއް ކަހަލަ ހިދުމަތްތަކަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އިސްރަށްވެހިންގެ ދިރިއުޅުމުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމުގެ މަގުސަދުގައި ފޯރުކޮށްދެވޭ ޚިދުމަތްތައްކަމުގައި ވެސް ރިފްޤާވަނީ ފާހަގަކުރައްވާފައެވެ.
“މިސާލަކަށް އިސްރަށްވެއްސަކަށް ބޭނުންވަނީ އެމީހަކު ގޮވައިގެން ބޭރުގައި ކުޑައިރުކޮޅަކަށް ހިނގާލަންދާނެ މީހެއް، އެހެން ވެއްޖެއްޔާ ސީބީއާރް ޕްރޮގްރާމް މެދުވެރިކޮށް އެއިންތިޒާމެއް ހަމަޖެއްސިދާނެ. ނޫނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް އުނގެނުމުގައި އިތުރު އެހީތެރިކަން ބޭނުންވާ ނަމަ އެރަށަކުން މީހަކު މެދުވެރިކޮށް އެކުއްޖަކާއެކު ނުވަތަ އެމީހަކާއެކު ވަކި ވަގުތުކޮޅެއް ހޭދަކޮށްލައިގެން އެމީހަކަށް އެ ތަޢުލީމީގޮތުން އުނގަންނައި ދޭންޖެހޭ ބައެއް ކަހަލަ ކަންކަން އުންގަންނައިދެވޭނެ.” ރިފްޤާ ވިދާޅުވިއެވެ.
މި ވުޒާރާގެ އަމާޒަކީ މި ތަމްރީން ޕްރޮގްރާމަށް ފަހު ސީބީއާރްގެ ވަކި ހަރަކާތްތައް ރަށްރަށުގައި ކުރިއަށް ގެންދާއިރު އެހަރަކާތްތައް ކުރިއަށް ގެންދާ ބޭފުޅުންނަށް ވުޒާރާގެ އެހީތެރިކަން ފޯރުކޮށްދެވިގެން، މުޖުތަމަޢުގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތައް ބާރުވެރިކުރެވިގެން ދިއުން ކަމުގައި ރިފްޤާވަނީ ފާހަގަކުރައްވާފައެވެ.
ކޮމިއުނިޓީ ބޭސްޓް ރީހެބިލިޓޭޝަންއަކީ ރާއްޖެ ފަދަ ޖަޒީރާ އަދި ކުދި ކޮމިއުނިޓީތައް ދިރިއުޅެމުންދާ ޤައުމުތަކަށް ޑަބްލިއުއެޗްއޯ ގެ ފަރާތުން ފަރުމާކުރެވިފައިވާ ސްޓްރެޓެޖީއެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ އެމުޖްތަމައުއެއްގައި ތިއްބަވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އިސްރަށްވެހިންނަށް ބޭނުންވާނެ އެހީތެރިކަމާއި އެބޭފުޅުންގެ ދިރިއުޅުމުގެ ހާލަތު އަދި ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ރަށު ފެންވަރުގައި ލިބެން ހުރި ވަސީލަތްތައް ވީހާވެސް ބޮޑަކަށް ބޭނުންކޮށްގެން އެހީތެރިކަން ފޯރުކޮށްދިނުމެވެ.

