މައްކާ ރޫޓްގައި ބައިވެރުވުމުގެ ފުރުސަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، ރައްޔިތުންނަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ދެއްވި ހަދިޔާއެއް ކަމަށް އިސްލާމީ ކަންކަމާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މައްކާ ރޫޓު އިނީޝިއޭޓިވް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
“މައްކާ ރޫޓް އިނިޝިއޭޓިވްގެ ޚިދުމަތް މި ދެނީ 20،000 ޙައްޖުވެރިން މަދުވެގެން ތިބޭނަމަ އެ ޤައުމެއްގައި. ނަމަވެސް ރާއްޖެ އިސްތިސްނާކުރައްވައި، އެއްވެސް އެގްރީމެންޓެއް ނެތި ސަޢުދީން ދެއްވި ޚާއްސަ ހަދިޔާއެއް މިއީ” ވަޒީރު ވިދާޅުވިއެވެ.
އިތުރަށް ވަޒީރު ޝަހީމް ވިދާޅުވީ މައްކާ ރޫޓު އިނީޝިއޭޓިވް ޚިދުމަތް ރާއްޖެއަށް ފޯރުކޮށްދޭން ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ނިންމެވީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ ހުއްދައާއެކު ޝަރުތުތަކުން ރާއްޖެ އިސްތިސްނާ ކުރެއްވުމަށްފަހުގައި ކަމަށެވެ. އަދި މިއީ ދިވެހިންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއްކަމަށެވެ.
ގައުމަކަށް މައްކާ ރޫޓްގައި ބައިވެރިވެވެނީ ވަރަށް ގިނަ ޝަރުތުތަކެއް ފުރިހަމަކުރުމަށްފަހުގައި ކަމަށާއި، މިހާތަނަށް މި ފުރުސަތު ލިބިފައިވަނީ އެތައްހާސް ހައްޖުވެރިން ނިސްބަތްވާ ގައުމުތަކަށް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

