އިންޑިއާ ކަނޑުގެ ސަރަހައްދަށް ކޮންޓޭނަރ އުފުލާ ބޯޓެއް އަޑިއަށް ދިޔަ ހާދިސާ އާއި ގުޅިގެން ބޯޓުން ތެޔޮ ލީކްވާތީ ކަންތައް ވަމުންދާ ގޮތް އެމްއެންޑީއެފްއިން ބަލަމުންދާ ކަމަށް ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ކޮޗިންގެ އައްސޭރިފަށުން ހުޅަނގުދެކުނަށް 40 ނޯޓިކަލް މޭލު ދުރުން މި ބޯޓު އަޑިއަށް ދިޔަ ހާދިސާގައި ސަރަހައްދީ އެމްއާރުސީސީތަކާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ވަރަށް ގާތުން ބަލަމުންދާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
ހަމައެއާއެކު، މި ދުވަސްވަރުގެ މޫސުމާއި އަދި އިރުދެކުނަށް އޮއިވަރު ހުރުމުގެ ސަބަބުން މި ބޯޓުން ކަނޑަށް އެޅިފައިވާ ތެޔޮ އަދި ނުރައްކާތެރި ތަކެތީގެ އަސަރު ރާއްޖެއަށް ކުރުމުގެ ފުރުޞަތު ކުޑަކަމުގައިވެސް އެމްއެންޑީއެފް އިން ހާމަކޮށްފައިވާއިރު، މިއީ 184 މީޓަރު (603 ފޫޓް) ދިގު ބޯޓެއްކަން ފާހަގަކޮށްލެވެއެވެ.
މި ބޯޓު އަޑިއަށް ގޮސްފައިވަނީ އިއްޔެ އެވެ. މީގައި ނުރައްކާތެރި ސާމާނު ހުރި ކަމަށާއި އޭގެން ތެޔޮ ލީކްވަމުންދާކަން ވެސް ކެރެލާ ސަރުކާރުން ހާމަކޮށްފައިވާއިރު، ބޯޓުގައި 640 ކޮންޓެއިނަރ ހުއްޓެވެ.
އޭގެ ތެރޭގައި ނުރައްކާތެރި ކާގޯ ހުރި 13 ކޮންޓެއިނަރު ހިމެނެއެވެ. ފާޓިލައިޒާ އާއި ސްޓީލް އުފެއްދުމަށް ބޭނުންކުރާ ކެމިކަލެއް ކަމަށްވާ ކެލްސިއަމް ބާއިޑް ހުރި 12 ކޮންޓެއިނަރު ހިމެނޭއިރު، 370 ޓަނުގެ ފިއުލް އާއި ތެޔޮ ހުރި ކަމަށް ވެސް ކެރެލާ ސަރުކާރުން ހާމަކޮށްފައިވެއެވެ.
ތެލޮ ލީކްވުން ކޮންޓްރޯލްކުރުމުގެ މަސައްކަތް ކެރެލާ ސަރުކާރުން ދަނީ ކުރަމުންނެވެ.

