ހުޅުމާލެ ސެންޓްރަލް ޕާކްގައި މިހާރު ކުރިއަށްދާ އުފެއްދުންތެރިކަމުގެ މައުރަޒުން ރައީސް ޑރ. މުހައްމަދު މުއިއްޒު އަމިއްލަފުޅަށް 13 އުފެއްދުމެއް ބައްލަވައިގެންނެވިއިރު، އިސްލާމީ މަރުކަޒުގެ ތަފްސީލީ މޮޑެލް ރައީސް އޮފީހުން ބައްލަވައިގެންފިއެވެ.
ތ. ވޭމަންޑޫގެ އަލީ މާހިރު ތައްޔާރުކުރި އިސްލާމީ މަރުކަޒުގެ މޮޑެލްއަކީ މައުރަޒުގައި އެންމެ މަތިން މާކްސް ލިބުނު ފަސް އުފެއްދުމުގެ ތެރޭގައި ހިމެނޭ އުފެއްދުމެކެވެ. މި މޮޑެލްއަކީ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައިވެސް ރައީސް ޑރ. މުއިއްޒުގެ ޚާއްޞަ ސަމާލުކަން ލިބި، ތައުރީފު ލިބިފައިވާ އުފެއްދުމެކެވެ.
ރައީސް އޮފީހުން ބުނި، އެ އޮފީހުން ޖުމްލަ 10 އުފެއްދުމެއް ބައްލަވައިގަތް އިރު، އޭގެ ތެރޭގައި އިސްލާމީ މަރުކަޒުގެ މޮޑެލްގެ އިތުރުން އުތީމު ގަނޑުވަރުގެ މޮޑެލްވެސް ހިމެނޭކަމަށެވެ.
މީރާ، ޓީވީއެމް އަދި އިމިގްރޭޝަންގައި މަސައްކަތްކުރި މާހިރު، މި މޮޑެލްގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުއެވެ. ގާތްގަނޑަކަށް ހަ މަސްދުވަހުގެ ބުރަ މަސައްކަތުން ނިންމާލާފައިވާ މި މޮޑެލްގައި 200 އަށްވުރެ ގިނަ ވަކިވަކި ބައި ހިމެނެއެވެ. ދެ ފޫޓު ބައި ދިގުމިނާއި ދޮޅު ފޫޓު ފުޅާމިނުގައި ހަދާފައިވާ މި މޮޑެލްއަކީ މާލޭގެ މަލަމަތިން މިހާރު ފެންނަ އިސްލާމީ މަރުކަޒާ އެއްގޮތަށް ވަރަށް ފަރުވާތެރިކަމާއެކު ތައްޔާރުކޮށްފައިވާ މޮޑެލްއެކެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ކުރީގެ ރައީސް މައުމޫން ވެރިކަމުގައިވެސް އުފެއްދުންތެރިކަމުގެ މައުރަޒުތަކުން ބައްލަވައިގަތް ބައެއް ތަކެތި މުލިއާގެ، ހިލާލީގެ އަދި ތީމުގެ ފަދަ ދައުލަތުގެ ރަސްމީ ގެކޮޅުތަކުގައި ބޭނުންކުރަމުން ގެންގޮސްފައިވާކަމެވެ. މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ޢަމަލުކުރާ ގޮތެއް ކަމަށްވާއިރު، އެމެރިކާގެ ވައިޓް ހައުސްގައިވެސް މިފަދަ އުފެއްދުންތެރި ތަކެތި ބަހައްޓާފައި ހުރެއެވެ.

