ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ އިޖުތިމާޢީ ޒިންމާގެ ދަށުން ރ. މަޑުއްވަރީގައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.
އާރުޑީސީން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން، އެ ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ (ސީއެސްއާރު) ދަށުން މަޑުއްވަރީގެ ތިން ތަނެއްގައި ޓާފް އެޅުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މިގޮތުން މަސައްކަތް ކުރެވުނު ތަންތަނުގެ ތެރޭގައި ކުޑަކުދިންގެ ޕާކާއި، މަޑުއްވަރީ ސްކޫލް އަދި ޕްރީ ސްކޫލް ހިމެނެއެވެ.
އާރުޑީސީން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މަޑުއްވަރީ ސްކޫލްގެ ޓާފްގައި ރަބަރު އިން ފިލް ކުރުމުގެ މަސައްކަތްވެސް ވަނީ ނިންމާލެވިފައެވެ. މީގެ އިތުރުން ޕްރީ ސްކޫލްގައި އަލަށް ޓާފް އެޅުމުގެ މަސައްކަތްވެސް ވަނީ ފުރިހަމަ ކުރެވިފައެވެ.
އާރުޑީސީން ފާހަގަކޮށްފައިވާ ގޮތުގައި، މި މަސައްކަތްތަކަކީ އެ ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން އަތޮޅުތެރޭގެ ރަށްރަށުގައި މުޖުތަމަޢަށް ބޭނުންވާ މުހިންމު ކަންތައްތައް ފުރިހަމަކޮށްދިނުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ބައެކެވެ.
އާރުޑީސީން މިފަދަ މަސައްކަތްތައް ކުރަމުންދަނީ ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ވަސީލަތްތައް ފޯރުކޮށްދިނުމަށާއި، ޚާއްޞަކޮށް ކުޑަކުދިންނަށް ކުޅިވަރު ކުޅުމަށް ބޭނުންވާ ރައްކާތެރި މާހައުލެއް ޤާއިމުކޮށްދިނުމުގެ މަޤްޞަދުގައެވެ.

