އެމެރިކާގެ ސުޕަނެޗުރަލް ބިރުވެރި ފިލްމު ފައިނަލް ޑެސްޓިނޭޝަން: ބްލަޑްލައިންސް އިން އަންނަނީ ފޭނުންނަށް ގޮނޑިން ފުންމާލަން ގިނަ ސަބަބުތަކެއް ދައްކަމުންނެވެ. ދާދި ފަހުން އާޖެންޓީނާގައި ބޭއްވި ސްކްރީނިންއެއްގައި ސިނަމާއަކަށް ގޮސް ތިއްބާ ސީލިންގްގެ ބައެއް ވެއްޓި މީހަކަށް ވަނީ އަނިޔާވެފައެވެ.
ޑެއިލީ މެއިލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ލާ ޕްލާޓާގެ ސިނަމާ އޮޗޯ ތިއޭޓަރުގައި މި ފްރެންޗައިޒްގެ ހަ ވަނަ ފިލްމު ދައްކާލުމުގެ ތެރެއިންނެވެ. 29 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށް ސިނަމާއަށް ދިޔަ ފިއާމާ ވިލަވަރޑޭ އޭނާގެ 11 އަހަރުގެ އަންހެން ދަރިފުޅާއި އެކުވެރިއަކު ގޮވައިގެން ފިލްމު ބަލަން ދަނިކޮށް ސީލިންގްގެ ބައެއް އޭނާގެ ގައި މައްޗަށް ވެއްޓިގެން ދިޔަ އެވެ.
ސީލިންގް ވެއްޓުނު ގަޑީގައި އިވުނު އަޑުތަކަކީ ފިލްމްގެ “ސައުންޑް އިފެކްޓް” އެއް ކަމަށް އޭނާ އަށް ފުރަތަމަ ހީކުރެވުނު ކަމަށް އޭނާ ވަނީ ބުނެފައެވެ.
“ވަރަށް ބާރު އަޑެއް އިވުނު. ފުރަތަމަ އަހަރެން ހީކުރީ އެއީ ފިލްމުގެ އަޑެއް ކަމަށް، އެހާ ބޮޑަށް ފިލްމުގެ ތެރެއަށް ވަދެވިފަ އިނީމަ. ދެން ކުއްލިއަކަށް ބޮޑު އެއްޗެއް އަހަރެންގެ ގައި މައްޗަށް ވެއްޓުނީ،” އޭނާ ކިޔައިދިނެވެ.
މި ހާދިސާގައި އޭނާގެ ކަކުލަށް އަނިޔާވެފައިވާއިރު، ހާދިސާ ހިންގުމާއެކު ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފައެވެ.

