މި އަހަރުގެ ދިވެހި ޙައްޖުވެރިންނާއެކު، އިސް ޝެއިޚަކަށް ވަޑައިގަންނަވާނީ އިސްލާމިކް މިނިސްޓްރީގެ ނާއިބު އައްޝައިޚް މުޠީޢު އިސްމާޢީލް މުޙައްމަދު ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ހާމަކުރައްވައިފި އެވެ.
ކޮންމެ އަހަރަކުވެސް ދިވެހި ޙައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށް ދީނީ ޢިލްމުވެރިއަކު ހަމަޖައްސަވާ އާދަތަކާ އެއްގޮތަށް، މި އަހަރު އެ މަޤާމަށް ހަމަޖައްސަވާފައިވަނީ އައްޝައިޚް މުޠީޢު އިސްމާޢީލް މުޙައްމަދެވެ.
މި އަހަރުގެ ޙައްޖުގެ އަޅުކަމަށް ދާ ދިވެހީންގެ ފުރަތަމަ ގުރޫޕް މިއަދު ފުރާއިރު، މި އަހަރު ވެސް ރާއްޖެއިން ހާހަކަށް ވުރެ ގިނަ ދިވެހީން ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މިދިޔަ އަހަރުން ފެށިގެން ދިވެހީން ޙައްޖަށް ގެންދިއުމުގެ އެންމެހައި ކަންކަން ބަލަހައްޓަމުން ގެންދަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކަމާއި، އެ ކޯޕަރޭޝަނުން ދިވެހި ޙާޖީންނަށް ފަސޭހަކޮށްދިނުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާކަމެވެ.
އައްޝައިޚް މުޠީޢު އިސްމާޢީލް މުޙައްމަދަކީ އިސްލާމިކް މިނިސްޓްރީގެ ނާއިބުގެ މަޤާމުގައި ހުންނެވި، ދީނީ ޢިލްމުވެރިއެކެވެ. އެމަނިކުފާނުގެ އިރުޝާދުގެ ދަށުން މި އަހަރުގެ ދިވެހި ޙައްޖުވެރިންގެ އަޅުކަމުގެ ކަންތައްތައް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.

