މި އަހަރު ޙައްޖުގެ އަޅުކަމަށް ރާއްޖެއިން ދާ މީހުންގެ ފުރަތަމަ ގުރޫޕް މިއަދު ހަވީރު ސަޢުދީ އަރަބިއާއަށް ފުރައިފި އެވެ. މިއަދުގެ ފުރަތަމަ ފްލައިޓްގައި 235 ޙައްޖުވެރިން ވަނީ ފުރާފައެވެ.
މި އަހަރުގެ ޙައްޖު މޫސުމުގައި ދިވެހި ޙައްޖުވެރިން ދަތުރުކުރާނީ ސަޢުދީ އެއާލައިންސް އަދި މޯލްޑިވިއަން އެއާލައިންސްގެ ޖުމްލަ ހަތަރު ފްލައިޓެއްގައެވެ. މި ފްލައިޓްތަކުގައި ޖުމްލަ 1000 ޙައްޖުވެރިން ދަތުރުކުރާނެ އެވެ. ދަތުރުތައް ހަމަޖެހިފައިވަނީ މިއަދާއި މާދަމާ އަދި 29 ވަނަ ދުވަހާއި 30 ވަނަ ދުވަހަށެވެ.
މި އަހަރަކީ ދިވެހި ޙައްޖުވެރިންނަށް އެންމެ ގިނަ ލުއިތަކާއި ފަސޭހަތައް ލިބޭނެ އަހަރެވެ. މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުމާ ގުޅިގެން، ޙައްޖުވެރިންނަށް ޖިއްދާ އެއާޕޯޓުގެ އިމިގްރޭޝަންގެ އެރައިވަލްގައި ޕާސްޕޯޓް ސްޓޭމްޕް ޖެހުމަށާއި ލަގެޖް ނެގުމަށް މަޑުކުރާކަށް ނުޖެހޭނެއެވެ. އަދި މަތިންދާ ބޯޓުން ފައިބާ ގޮތަށް ސީދާ ހޮޓަލަށް ދެވޭނެއެވެ.
މިނާގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކެޓަގަރީ ބީއަށް ބަދަލުކުރުމާ ގުޅިގެން، ދިވެހި ޙައްޖުވެރިން މިނާ އަދި ޢަރަފާތުގައި ތިބޭ ޓެންޓުތަކުގައި ކޮންމެ ޙާޖީއަކަށް ޚާއްސަ ސޯފާ އެނދެއް ހުންނާނެއެވެ. އަދި ދިވެހި ޙައްޖުވެރިން ތިބޭ ފޭލިގެތަކުގައި އެހެން ޤައުމުތަކުގެ ޙާޖީން ނުތިބޭނެކަން ވެސް ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން، ސަޢުދީގެ ހޮސްޕިޓަލަކާ ގުޅިގެން މައްކާގައި ދިވެހި ޙައްޖުވެރިންނަށް ޚާއްސަ ކްލިނިކެއް ޤާއިމުކޮށްފައިވާކަން ވެސް ފާހަގަކުރެވެއެވެ. މިއީ ދިވެހި ޙައްޖުވެރިންނަށް ލިބިގެންދާ އިތުރު ޚިދުމަތެކެވެ.

