ލ. މުންޑޫ ސްކޫލުގެ ވަޒީފާއަށް ހާޒިރުނުވާ މުވައްޒަފެއްގެ ނަމުގައި މުސާރަ ނަގާފައިވާ މައްސަލައިގައި ދަޢުވާ ކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވައިފި އެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ، އޭރު ލ. މުންޑޫ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމުގައި ހުރި، ހިޔާވެހި، ލ. މުންޑޫ، ޢަލީ އާދަމްގެ މައްޗަށެވެ.
އޭސީސީން ތުހުމަތު ކުރާ ގޮތުގައި، ވަޒީފާއަށް ހާޒިރުނުވާ މުވައްޒަފަކު ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 އާ އެއްގޮތަށް ވަޒީފާއިން ވަކިނުކޮށް، 2015 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އެ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް، މުވައްޒަފުންގެ މުސާރަ ޝީޓުގައި އެ މުވައްޒަފުގެ ނަން ހިމަނައި، ހުއްދަދޭ ފަރާތެއްގެ ހައިސިއްޔަތުން ޢަލީ އާދަމް ސޮއިކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވާފައިވެ އެވެ.
މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާއެއް ވާން އޮތްކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާ އެވެ.
އޭސީސީން ބުނެފައިވާ ގޮތުގައި މި މައްސަލައިގައި ދައުލަތަށް 28,317.99 ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށާއި، މި ފައިސާ އަނބުރާ ހޯދުމަށް އެ ކޮމިޝަނުން ލ. މުންޑޫ ސްކޫލަށް އަންގާފައިވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

