ހުޅުމާލެ ހޮސްޕިޓަލުގެ ގޯތިތެރޭގައި 250 އެނދުގެ ހޮސްޕިޓަލް އިމާރާތެއް ގާއިމްކުރުމުގެ ޕްލޭންތައް ކުރިއަށްދާ ކަމަށް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެންގެވުމުގެ ދަށުން ކުރިއަށްގެންދާ ދުރުރާސްތާ ޕްލޭނެއްގެ ބައެކެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ތަރައްގީކުރި 14 އެނދުގެ ޒަމާނީ އެމަޖެންސީ ރޫމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހަލީމް ވިދާޅުވީ، ސިއްހީ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކެނޑިނޭޅި ކުރިއަށްދާ ކަމަށެވެ. އެގޮތުން މި އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް 30 އެނދުގެ ޑައިލިސިސް ސެންޓަރެއްގެ ހިދުމަތް ފެށުމަށް ވަނީ ރޭވިފައެވެ.
މީގެއިތުރުން، ހޮސްޕިޓަލަށް ދިމާވެފައިވާ އެނދުގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން، މިހާރު ހިދުމަތްދެމުންދާ އިމާރާތުގައި 28 އެނދުގެ އައު ވޯޑެއް ގާއިމްކުރުމަށްވެސް ވަނީ ރޭވިފައެވެ. އަދި އިންޕޭޝަންޓް އަދި އައުޓްޕޭޝަންޓް ހިދުމަތްދޭ ގޮތަށް މެންޓަލް ހެލްތް ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތްވެސް މި އަހަރު ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ހުޅުމާލޭގައި ދެމުންދާ ސިއްހީ ހިދުމަތް އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި މި ހުރިހާ މަޝްރޫއުތަކެއްވެސް ކުރިއަށްދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ.

