މި އަހަރުގެ ޙައްޖު މޫސުމަށް ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރާ ދިވެހި ޙައްޖުވެރިންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސައިފިއެވެ. މި އިންތިޒާމުތައް ހަމަޖައްސާފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިސްލާމިކް މިނިސްޓްރީއާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި އަދި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެންނެވެ.
މި އަހަރު ޖުމްލަ 1,000 ޙައްޖުވެރިން ދަތުރުކުރާނެ ހަތަރު ފްލައިޓް ހަމަޖެހިފައިވާއިރު، މި ފްލައިޓްތައް ކުރިއަށްދާނީ މިއަދާއި މާދަމާ އަދި ޖޫން 29 އާއި 30 ވަނަ ދުވަހުއެވެ. ދަތުރުތައް ކުރިއަށްދާނީ ސަޢުދީ އެއާލައިންސް އަދި މޯލްޑިވިއަން މެދުވެރިކޮށެވެ.
އެއާޕޯޓުގެ ޓާމިނަލް ހަރަކާތްތައް އަވަސް އަދި ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި އެމްއޭސީއެލްއިން ވަނީ ޚާއްޞަ ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން ވެހިކަލްތަކަށް އިންޓަނޭޝަނަލް ޓާމިނަލާ ހަމައަށް އެކަނި ވަދެވޭގޮތަށް ހަމަޖައްސާފައިވާއިރު، ޙައްޖުވެރިންނަށް ޓާމިނަލަށް ވަނުމާއި ޗެކް-އިން ކުރުމުގައި އެމްއޭސީއެލްގެ މުވައްޒަފުން އެހީތެރިވެދޭނެއެވެ.
ޙައްޖުވެރިންނާއެކު އަންނަ ޢާއިލާތަކަށް ޚާއްޞަ ވެއިޓިންގ އޭރިއާއެއް ޤާއިމުކޮށްފައިވާއިރު، ފޮޓޯ ނެގުމަށް ވަކި ސަރަޙައްދެއް ވެސް ވަނީ ކަނޑައަޅާފައެވެ. އަދި މައްކާ ރޫޓް އިފްތިތާޙު ކުރުމާ ގުޅިގެން، ސަޢުދީ އިމިގްރޭޝަންގެ ޚާއްޞަ ކައުންޓަރެއް ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޤާއިމުކޮށްފައިވެއެވެ.
ޙައްޖުވެރިން ފުރާ ވަގުތުތަކަކީ އެއާޕޯޓަށް ބާރު ބޮޑުވެގެންދާނެ ވަގުތުތަކަކަށް ވާނެތީ، އެހެން ފަސިންޖަރުން ވީހާވެސް އަވަހަކަށް ޗެކް-އިން ނިންމުމަށާއި، ޙައްޖުވެރިން ފުރުވުމަށް އަންނަ ފަރާތްތަކުން އެމްއޭސީއެލްގެ މުވައްޒަފުންގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

