ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރު، މިއަދު ހއ. ދިއްދޫގައި ހިނގަމުންދާ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ.
އާރްޑީސީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އެމްޑީ ޒުހައިރުގެ މި ޒިޔާރަތަކީ އުތުރު ސަރަހައްދުގައި އެ ކުންފުނިން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މަސައްކަތްތައް ބެއްލެވުމަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ.
ދިއްދޫއަށް ކުރެއްވި ޒިޔާރަތުގައި އެމްޑީ ޒުހައިރު ވަނީ ސައިޓުގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރައްވައި، މަސައްކަތް ކުރިއަށްދާ މިންވަރާއި ގޮތް ބައްލަވާލައްވާފައެވެ. އަދި މަސައްކަތާ ގުޅޭގޮތުން މުވައްޒަފުންނާ މަޝްވަރާކުރައްވާފައިވެއެވެ.
މި ވަގުތު އުތުރު ސަރަހައްދުގައި އާރްޑީސީން ތިން ރަށެއްގައި މަގު ހެދުމުގެ މަޝްރޫޢުތަކެއް ކުރިއަށްގެންދެއެވެ. މިގޮތުން ހއ. ދިއްދޫގެ އިތުރުން ހއ. އިހަވަންދޫ އަދި ކުޅުދުއްފުށި ސިޓީގައިވެސް މަގު ހެދުމުގެ މަސައްކަތް ކުރިއަށްދެއެވެ.
އާރްޑީސީން ކުރިއަށްގެންދާ މި މަޝްރޫޢުތަކަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަގުތައް ތަރައްޤީކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގުތައް ގާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ހިންގާ މަޝްރޫޢުތަކެކެވެ.

