ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ޅ. ނައިފަރުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު ދެ މަޝްރޫޢުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވަނީ ފުރިހަމަކޮށްފައެވެ.
އާރުޑީސީން މިއަދު ހާމަކުރި ގޮތުގައި، ނައިފަރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރުމަށްޓަކައި އެ ރަށުގައި ގާއިމުކުރެވޭ އެ ކޯޕަރޭޝަންގެ ސައިޓު ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.
ނައިފަރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު އާރުޑީސީއާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓު 21 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި މަގުތަކުގައި ސްޓޯމްވޯޓަރ މެނޭޖްމަންޓް ސިސްޓަމެއް ޤާއިމްކުރުމާއި، ދުވާރު ހެދުމާއި، މަގުތަކުގައި ނިޝާންތައް ކުރެހުމާއި، ސްޕީޑް ބްރޭކަރު ބެހެއްޓުމާއި މަގުބައްތި ހަރުކުރުން ހިމެނެއެވެ.
މީގެއިތުރުން، މި މަހުގެ 20 ވަނަ ދުވަހު އާރުޑީސީން ހާމަކުރި ގޮތުގައި، ވޭސްޓް އެންޑް ރިސޯސް މެނޭޖްކުރުމުގެ މަރުކަޒު ޤާއިމުކުރުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނާއި ވެހިކަލްތައް އެރަށަށް ފޮނުވުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.
މި ދެ މަޝްރޫޢުގެ މަސައްކަތް ފެށުމުން ނައިފަރުގެ އުމްރާނީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބި، ރަށުގެ ވޭސްޓް މެނޭޖްމަންޓް ނިޒާމު ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

