އެސްޓްރަޒެނެކާ އަދި އެސްޓީއޯ އިން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާ ގުޅިގެން "އޮންކޮލޮޖީ ނަރސަސް އެކްސެލެންސް" (ONE) ގެ ނަމުގައި ޕްރޮގްރާމެއް 17 އޭޕްރީލް 2025 ގައި ފަށައިފިއެވެ. މިއީ ދިވެހިރާއްޖޭގައި ކެންސަރު ބަލީގެ ފަރުވާ އިތުރަށް ހަރުދަނާކުރުމަށްޓަކައި އޮންކޮލޮޖީ ނަރުހުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ދަށުން ކެންސަރު ބައްޔަށް ފަރުވާދިނުމުގައި މަސައްކަތްކުރާ ތަޖުރިބާކާރުން އެއްވެ، ދިވެހިރާއްޖޭގެ އޮންކޮލޮޖީ ނަރުހުންނަށް ވޯކްޝޮޕްތައް ބާއްވައި ތަމްރީން ދިނުމަށް ވަނީ ހަމަޖެހިފައެވެ. ONE ޕްރޮގްރާމްގެ މައިގަނޑު މަޤުޞަދަކީ ކެންސަރު ބައްޔަށް ފަރުވާދިނުމުގައި އޮންކޮލޮޖީ ނަރުހުން އަދާކުރާ މުހިއްމު ދައުރު ފާހަގަކޮށް، އޮންކޮލޮޖީ ދާއިރާއަށް އަންނަމުންދާ ޒަމާނީ ކުރިއެރުންތަކާ އެއްވަރަށް ދިވެހިރާއްޖެ ތައްޔާރުކުރުމެވެ.
މި ޕްރޮގްރާމް އެކުލެވިގެންވަނީ މައިގަނޑު 4 ސެޝަނެއްގެ މައްޗަށެވެ. މިހާތަނަށް ނިމިފައިވާ ދެ ސެޝަނުގެ ތެރެއިން، ފުރަތަމަ ސެޝަންގައި 55 ނަރުހުން ބައިވެރިވެފައިވާއިރު، ދެވަނަ ސެޝަންގައި އިތުރު 4 ނަރުހުންނާއެކު، ޖުމްލަ 59 ނަރުހުން ވަނީ ބައިވެރިވެފައެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން ކެންސަރ ސޮސައިޓީގެ ރިޕްރެޒެންޓޭޓިވްއެއް ވިދާޅުވީ، "އޮންކޮލޮޖީ ނަރުހުންނަކީ ބަލިމީހާއާއި އެމީހާއަށް ދޭ ފަރުވާއާ ދެމެދު އޮތް ގުޅުމެވެ. ބޭސްފަރުވާގެ އިތުރުން ކެންސަރު ބައްޔާ ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދީ، ބަލިމީހުންނަށް ނަފްސާނީ ގޮތުންވެސް އެހީތެރިކަން ފޯރުކޮށްދޭ ބައެކެވެ. ONE ޕްރޮގްރާމަކީ މި ފަރާތްތަކުގެ މުހިއްމުކަން ވަޒަންކުރައްވައި، އޮންކޮލޮޖީ ނަރުހުން ތަރައްގީކުރުމަށްޓަކައި ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ" ކަމަށެވެ.

