ރާއްޖެއާއި އިންޑިއާގެ ހައިލެވެލް ކޯ ގްރޫޕްގެ ދެވަނަ ބައްދަލުވުން މިއަދު އިންޑިއާގެ ނިއުދިއްލީގައި ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ދިވެހި ވަފުދުގެ އިސްވެރިޔާގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އެވެ.
މި ބައްދަލުވުންތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ޤައުމު ދެމެދު އެކުލަވާލެވުނު “އަ ވިޝަން ފޮރ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާރޓްނަރޝިޕް” ގެ ތަޞައްވަރުގެ ދަށުން ކުރިއަށް ގެންދެވޭ މަޝްވަރާ ބައްދަލުވުންތަކެކެވެ.
މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުން ބޭއްވިފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 29 ވަނަ ދުވަހުއެވެ. ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި، މިއަދުގެ ބައްދަލުވުމުގައި ކުރީގެ ބައްދަލުވުމުގައި ކަނޑައެޅުނު ލަނޑުދަނޑިތަކުގެ މައްޗަށް ބަލައި، އެކަންކަން ވަޒަންކޮށް، ދަތުރުފަތުރުގެ ނިޒާމު، ދަނޑުވެރިކަން، މަސްވެރިކަން، އިޤްތިޞާދީ، ޞިއްޙީ، ދިފާޢީ އަދި މެރިޓައިމް ދާއިރާ ހިމެނޭހެން މުހިންމު އިތުރު ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މި ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ އެކި ވުޒާރާތަކުން އެކުލެވޭ އިސް ވަފުދެއް ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޚާރިޖީ ވުޒާރާ، ދިފާޢީ ވުޒާރާ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާ، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ، އަދި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ ހިމެނެއެވެ.
މި ބައްދަލުވުމަކީ ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު އޮތް އިސްތިރާޖީ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމުގެ މަސްލަހަތު ގުޅިފައިވާ ދާއިރާތަކުގައި އެއްބާރުލުން އިތުރުކުރުމަށް މަގުފަހިކޮށްދޭނެ މުހިންމު ބައްދަލުވުމެއް ކަމުގައި ބެލެވެއެވެ.

