ރާއްޖޭގެ އެންމެ ހިތްގައިމު ރަށް ކަމަށް ބެލެވޭ ހުޅުމާލޭގެ ރަމްޒުކޮށްދޭ ބިނާއެއްގެ ގޮތުގައި 100 މީޓަރުގެ “އައިކޯނިކް ޓަވަރެއް” އެޅުމަށް އަލަށް އެކުލަވައިލި ހުޅުމާލޭގެ މާސްޓާ ޕްލޭންގައި ހިމަނައިފި އެވެ.
މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ހުޅުމާލޭގެ ރިވައިޒްޑް މާސްޓަރ ޕްލޭން އިފްތިތާޙު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި ރަސްމިއްޔާތުގައި އެޗްޑީސީގެ ޗީފް ޕްލޭނިން އޮފިސަރު އަހުމަދު ޒިނަފް ވަނީ މާސްޓަރ ޕްލޭންގެ މުހިންމު މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ.
އަހުމަދު ޒިނަފް ދެއްވި މަޢުލޫމާތުގައި، “މި އައިކޯނިކް ޓަވަރު އެޅުމަށް ހަމަޖެހިފައިވަނީ ފަރުކޮޅުފުށީގެ ނިމޭ ހިސާބުގައި” ކަމަށް ވިދާޅުވެފައިވެއެވެ. އަދި މި ޓަވަރަކީ ހުޅުމާލެ ރަމްޒުކޮށްދޭ ޚާއްސަ ބިނާއަކަށް ވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ހުޅުމާލޭގެ ކޮންމެ ފޭސްއަކުން ވެސް ފެންނަން ހުންނާނެ ޚާއްސا ބިނާތަކެއް ހުންނާނެ ކަމަށް އަހުމަދު ޒިނަފް ވިދާޅުވިއެވެ. މިގޮތުން ފޭސް އެކެއްގައި އެންމެ ޚާއްސަ ބިނާއަކީ އެ ސިޓީގައި ދެވަނައަށް އެޅި މިސްކިތް ކަމަށާއި، ފޭސް ދޭއްގައި ހިޔާ ޓަވަރުތައް ކަމަށް ފާހަގަކުރެއްވިއެވެ.
އަދި ހުޅުމާލެ ފޭސް ތިނެއްގެ އެންމެ ފާހަގަކޮށްލެވޭ ރަމްޒީ ބިނާއަކަށް ވެގެންދާނީ މި 100 މީޓަރުގެ އުސްމިނުގެ އައިކޯނިކް ޓަވަރު ކަމަށް އެޗްޑީސީން ވަނީ ކަށަވަރުކޮށްދީފައެވެ. މި ޓަވަރަކީ ހުޅުމާލޭގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫޢު ކަމަށް ވެގެންދާނެއެވެ.

