މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލް ބަންދުން އަނެއްކާވެސް ދޫކޮށްލައިފިއެވެ.
ރައުދަށް ދައުވާ ކުރަން “ޕްރޮސިކިއުޓަރ ޖެނެރަލް” ޕީޖީއަށް ފޮނުވައިފައި ވަނީ މިދިޔަ ހޮނިހިރު ދުވަހެވެ. ނަމަވެސް އޭނާއަށް ދައުވާކޮށްދޭން އެދޭ މައްސަލައިގެ ތަފުސީލެއް ލިބިފައިނުވެއެވެ.
ފުލުހުން މިއަދު ބުނީ، އެ މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށް ފަހު، ރައުދު ބަންދުން ދޫކޮށްލުމަށް ޕީޖީ އޮފީހުން އިރުޝާދު ދީފައިވާތީ ރޭ ދަންވަރު ރައުދު ބަންދުން ދޫކޮށްލާފައި ކަމަށެވެ.
ރައުދު ހައްޔަރު ކުރުމަށް ފަހު، އެކި ފަހަރު މަތިން ބަންދުގެ މުއްދަތު ކޯޓުން ދަމަހައްޓަމުން އައިސް މި މަހުގެ 22 ވަނަ ދުވަހު ފުލުހުން އޭނާ ދޫކޮށްލިއެވެ. ނަމަވެސް މާ ގިނައިރުތަކެއް ނުވަނީސް އަލުން ބަންދުކޮށް ޖެހިގެން އައި ދުވަހު ކޯޓަށް ގެންދިއުމުން ބަންދަށް ފަސް ދުވަސް ޖެހިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލައިގައި ތަހުގީގަށް ޔުމްނުގެ ބަޔާން ނެގުމަށް އާއިލާއިން އެއްބާރުލުން ނުދޭ ކަމަށާއި އެހެންވެ، އެކަން ކުރަން އޭނާ ފަރުވާ ހޯދަމުންދާ މެލޭޝިއާގެ ފުލުހުންގެ އެހީތެރިކަން ހޯދަން ނިންމައިފައިވާ ކަމަށެވެ.
ފުލުހުންވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ބުނެފައެވެ.

