އިސްލާމްދީނުގެ އަލިކަން ދިވެހިރާއްޖެއަށް ލިބުމާއެކު، ދީނީ އަޅުކަންތައް ފުރިހަމައަށް އަދާކުރުމަށް ދިވެހިން ދެއްވާފައިވާ އިސްކަން ތާރީޚުން ފެންނަން އެބަހުއްޓެވެ.
ކީރިތި ޤުރުއާން އުނގަންނައިދިނުމަށް ދަރިން އުސްތާޛުންގެ އަރިހަށް ފޮނުވުމާއި، ނަމާދު ކުރުމަށް ދަރިންނަށް ބާރުއެޅުމާއި، ރަމަޟާންމަހަށް މަރުޙަބާ ކިޔުމުގެ އާދަކާދަ ފަދަ ކަންކަމުން ދިވެހިން އިސްލާމްދީނުގެ ރުކުންތައް އަދާކުރުމަށް ދެއްވާފައިވާ އިސްކަން ހާމަވެގެންދެއެވެ.

އިސްލާމްދީނުގެ އަޅުކަންތަކުގެ ތެރެއިން، އަހަރުގެ ވަކި މުއްދަތެއްގައި ވަކި ތަނެއްގައި ނޫނީ އަދާނުކުރެވޭ އަޅުކަމަކީ ޙައްޖުގެ އަޅުކަމެވެ.
ކުރީޒަމާނުގެ ދިވެހި ތާރީޚުން އެނގޭ ގޮތުގައި، އެންމެ އިހުޒަމާނުއްސުރެވެސް ދިވެހިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ޚާއްޞަ އިސްކަމެއް ދީފައިވެއެވެ. މިސާލަކަށް، 1928 ވަނަ އަހަރު ހިސާބުގައި ދިވެހިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ކުރި ދަތުރުގެ ދަތުރުނާމާއިން އެނގޭ ގޮތުގައި، އެއީ ގާތްގަނޑަކަށް ހަ މަސްދުވަހަށް ދެމިގެންދިޔަ ދިގު ދަތުރުތަކެކެވެ.

އެ ޒަމާނުގައި ޙައްޖުގެ ދަތުރު ފެށެނީ އާގުބޯޓުފަހަރުގައި ރާއްޖެއިން ފުރައިގެން ކޮޅުނބަށް ގޮސް، އެތަނުން މިޞްރަށް، އަދި މިޞްރުން ޖިއްދާއަށް ދަތުރުކޮށްގެންނެވެ. ޖިއްދާއިން މަދީނާއަށް ކުރާ ދަތުރަކީވެސް ހަތަރު ފަސް ދުވަހުގެ ދަތުރެކެވެ.
ޙައްޖަށް ދާން ނިޔަތްގަންނަ ދިވެހިން މި ދަތުރު ފަށަނީ އަނބުރާ އާއިލާގެ ގާތަށް އާދެވޭނެކަމުގެ ޔަޤީންކަމެއް ނެތި، އަހަރުގެ ދެބައިކުޅަ އެއްބައި ދަތުރުމަތީގައި ހޭދަކުރަންޖެހޭނެކަން އެނގިހުރެއެވެ. މި ދަތުރުގެ ތެރޭގައި މައްކާގެ ބިމަށް ނުދެވި އެތައް ދިވެހިންނެއް ނިޔާވެފައިވާކަންވެސް ފާހަގަކުރެވކުރެވެއެވެ.

ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ތަޢާރަފުވުމާއެކު، ޙައްޖުގެ އަޅުކަން އަދާކުރުމަށް ދާ ދިވެހިންގެ އަދަދު އިތުރުވެގެން ދިޔައެވެ. ދިވެހި ތާރީޚުގެ ލިޔުންތަކުން އެނގޭ ގޮތުގައި، ދިވެހިން އެންމެ ފުރަތަމަ ވައިގެ މަގުން ޙައްޖަށް ދިޔައީ 1960 ވަނަ އަހަރުއެވެ.
އެއީ ސިލޯނު މަގުން ކުރެވުނު ދަތުރެކެވެ. ނަމަވެސް، މިއީވެސް ގާތްގަނޑަކަށް މަހެއްހާ ދުވަހުގެ ދަތުރެކެވެ. އޭގެ ފަހުން، ދިވެހިރާއްޖޭގައި އަމިއްލަ އެއަރޕޯޓެއް ޤާއިމުކުރެވި، ދިވެހިންނަށް އަމިއްލަ ފަސްގަނޑުން ސީދާ ސަޢޫދީ އަރަބިއްޔާއަށް އުދުހި ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ލިބިގެން ދިޔައެވެ.

އަލްމަރުޙޫމާ އަންނަބީލާ ޙަބީބާ ޙުސައިން ޙަބީބުގެ ހިޖުރީ 1402 ވަނަ އަހަރުގެ ޙައްޖު ދަތުރުގެ ޔައުމިއްޔާއިން އޭރުގެ ދަތުރުގެ ތަޖުރިބާ ވަރަށް ރީތިކޮށް ހާމަވެގެންދެއެވެ. އެ ބޭކަނބަލުން ލިޔުއްވާފައިވާ ގޮތުގައި، މާލެއިން ފުރައިގެން ހަވީރު ވަގުތު ޖިއްދާއަށް ވާސިލުވެ، އެއަށްފަހު މައްކާއަށް ދަތުރު ފެށިގެން ދިޔައެވެ.
މި ދަތުރުގައި ޙައްޖުގެ ތަކުލީފާއި ރޫޙާނީ އުފާ އޭގެ މައުނަވީ ގޮތުގައި އިޙްސާސްކުރެވުނު ކަމަށް އެ ބޭކަނބަލުން ފާހަގަކުރައްވާފައިވެއެވެ. އަދި އެ ރޭގެ މެންދަމުން އަލިވެ އެއްގަޑި ބައި ނުވަނީސް މައްކާގެ މުޤައްދަސް ބިމަށް ވާސިލުވެވުނު ކަމަށްވެސް ލިޔުއްވާފައިވެއެވެ.

އެހެންނަމަވެސް، އޭރު ޙައްޖުގެ އިންތިޒާމުތައް ހަމަޖެހިފައި ހުރީ ތަކުލީފު ބޮޑު ގޮތަކަށެވެ. މިނާގައި އަމިއްލަ ގޮތުން ޖަހާ ފޭލިގެތަކުގައި ފަތުރާލާ ކުނަލުގެ ދަށުން ފެން ދެމޭ ދުވަސްތައްވެސް އަންނަ ކަމަށާއި، ހިރަފުހާއި ވެލީގެ ތެރޭގައި ނިދަންޖެހި ޙައްޖާޖީންގެ ޙާލު ދަށްވެ، އެތައް ހާސް ބަޔަކަށް ޙައްޖުގެ އަޅުކަން ފުރިހަމަ ނުކުރެވި ތިބެންޖެހޭ ކަމަށް ފާހަގަކުރެވެއެވެ. އަދި އެތައް ބަޔަކު ޙައްޖުގެ އަޅުކަމުގެ ތެރޭގައި ނިޔާވާ ކަމަށްވެސް ލިޔެފައިވެއެވެ.

ނަމަވެސް، ސް، ޒަމާނާއެކު ދިވެހިންގެ ޙައްޖު ދަތުރު ކުރުވެ، ފަސޭހަވެގެން ގޮސްފައިވެއެވެ. ވައިގެ މަގުން ޙައްޖުގެ އަޅުކަން އަދާކުރުމަށް ކުރާ ދަތުރަށްވެސް އިތުރު ލުއިފަސޭހަ އިންތިޒާމުތަކެއް މިހާރު ވަނީ ތަޢާރަފުކުރެވިފައެވެ. މިގޮތުން، ޙައްޖު ކޯޕަރޭޝަން ފަދަ އިދާރާތަކުން ޙައްޖާޖީންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި، ސަޢޫދީ ސަރުކާރުން ޙައްޖާޖީންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން، މިއަދު ޙައްޖުގެ އަޅުކަން އަދާކުރުމަކީ ކުރީގެ ނިސްބަތުން ފަސޭހަ ކަމަކަށް ވެފައިވެއެވެ.

