ކުށް ކުރުން މަދުކުރުމަށް ފުލުހުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ހާއްސަ ޕްރޮގްރާމެއް ގއ. ދެއްވަދޫގައި ކުރިޔަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި އިއްޔެ ދެއްވަދޫގައި ކުރިޔަށް ގެންދިޔަ ޕްރޮގްރާމަކީ "މުޖުތަމައުގެ އަމާންކަމަށް އަހަރުމެންގެ ދައުރު" ގެ ނަމުގައި ދެއްވަދޫ ޕޮލިސް ސްޓޭޝަނާއި ވިލިގިލީ ޕޮލިސް ސްޓޭޝަނާއި މާމެންދޫ ޕޮލިސް ސްޓޭޝަން އަދި ގެމަނަފުށި ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިޔަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ.
މިޕްރޮގްރާމްގެ ދަށުން ދެއްވަދޫގެ ވިޔަފާރިވެރިންނާއި ބައްދަލުކޮށް ވިޔަފާރިތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދޭންވީ ކަން ކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާއިރު ސްކޫލްގެ ދަރިވަރުންނާއި ބެލެނެވެރިން ހޭލުންތެރިކުރުވުމަށްޓަކައި ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ބެހޭގޮތުން މައުލޫމާތުދީފައިވެއެވެ. މީގެ އިތުރުން މިހާރަކަށް އައިސް މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދުން އާންމެވެފައިވާކަން އަންގައިދީ އެފަދަ ކަންތައްތަކުން ސަލާމަތްވެވޭނެ ގޮތްތަކާއި އެޅިދާނެ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ހަމައެހެންމެ ކުށެއް ހިނގައިފިނަމަ އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ހިއްސާކޮށް ލަސްނުކޮށް އެކަމެއް ރިޕޯޓު ކުރުމަށް އެރަށުގެ ރައްޔިތުންނަށް އިރުޝާދުދީފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ދެއްވަދޫގެ ގޭބިސީތަކަށާއި ފިހާރަތަކަށް ގޮސް ފުލުހުންވަނީ ދެއްވަދޫ ރައްޔިތުންނަށް ވަރަށް ގިނަ މައުލޫމާތު ހިއްސާކޮށް ހޭލުންތެރިކޮށްފައެވެ.
މިފަދަ ޕްރޮގްރާމްތައް ހިންގުމުގެ ބޭނުމަކީ ރާއްޖޭގައި ކުށްމަދުކޮށް ރައްޔިތުން މިފަދަ ނޭދެވޭ ކަންތައްތަކަށް ހޭޅުންތެރިކުރުވުމެވެ.

