މިދިޔަ އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް، ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި ރައުދު އަޙްމަދު ޛިލާލް ބަންދުން ދޫކޮށްލަން ނިންމީ ތުހުމަތުވާ ކުށުގެ އަދަބަށްވުރެ ބަންދުގެ މުއްދަތު އިތުރުވުމުން ކަމަށް "ޕްރޮސެކިއުޓާ ޖެނެރަލް" ޕީޖީ އޮފީހުން ބުނެފިއެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިސަރު ޝަފީއު އަހުމަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މައްސަލާގައި ތުހުމަތުކުރެވޭ ކުރެވޭ މީހެއްގެ ބަންދުގެ މުއްދަތު، އެ މީހަކަށް ކުރެވޭ ދައުވާގައި ލިބިދާނެ ކަމަށް ބެލެވޭ އަދަބަށް ވުރެ އިތުރުވުމުން އާންމުކޮށް ވެސް އެ މީހަކު ބަންދުން ދޫކޮށްލުމުގެ އިރުޝާދު ޕީޖީން ދޭ ކަމަށެވެ.
ޔުމްނު ވެއްޓުނު މައްސަލާގައި ރައުދު ހައްޔަރުކުރީ މިދިޔަ މަހުގެ 24ވަނަ ދުވަހުގެ ރޭ 18:20ގައެވެ.
ރައުދަށް ދައުވާ ކުރަން "ޕްރޮސިކިއުޓަރ ޖެނެރަލް" ޕީޖީއަށް ފޮނުވައިފައި ވަނީ މިދިޔަ ހޮނިހިރު ދުވަހެވެ. ނަމަވެސް އޭނާއަށް ދައުވާކޮށްދޭން އެދޭ މައްސަލައިގެ ތަފުސީލެއް ލިބިފައިނުވެއެވެ.
ފުލުހުން މިއަދު ބުނީ، އެ މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށް ފަހު، ރައުދު ބަންދުން ދޫކޮށްލުމަށް ޕީޖީ އޮފީހުން އިރުޝާދު ދީފައިވާތީ ރޭ ދަންވަރު ރައުދު ބަންދުން ދޫކޮށްލާފައި ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލައިގައި ތަހުގީގަށް ޔުމްނުގެ ބަޔާން ނެގުމަށް އާއިލާއިން އެއްބާރުލުން ނުދޭ ކަމަށާއި އެހެންވެ، އެކަން ކުރަން އޭނާ ފަރުވާ ހޯދަމުންދާ މެލޭޝިއާގެ ފުލުހުންގެ އެހީތެރިކަން ހޯދަން ނިންމައިފައިވާ ކަމަށެވެ.

