މިއަހަރަކީ ދިވެހި ހައްޖުވެރިންނަށް އެންމެ ލުއި ފަސޭހަ އިންތިޒާމުތައް ހަމަޖެހޭ ހައްޖު މޫސުމަށްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެކްސް ޕޯސްޓެއްގައި ރައީސް ޑރ މުއިއްޒު ވިދާޅުވީ ހައްޖުގެ ދަތުރާއި ހައްޖާ ގުޅުންހުރި އެހެނިހެން ކަންކަން ފަސޭހަކުރުމަށް ސައުދީ ސަރުކާރުން ފަށާފައިވާ "މައްކާ ރޫޓް އިނިޝިއޭޓިވް" ގައި ރާއްޖެ ބައިވެރިކުރުމަށް ސައުދީ ސަރުކާރުން ނިންމި ނިންމުމަށް އަލިއަޅުވައިލައްވަމުންނެވެ. މި އިނިޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުސަތު މި އަހަރު ލިބުނު 8 ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ ވަރަށް ބޮޑު އުފަލެއް އަދި ޝަރަފެއް ކަމުގައި ރައީސް ޑރ މުއިއްޒު ފާހަގަކުރެއްވިއެވެ.
ރައީސް ޑރ މުއިއްޒު އިތުރަށް ވިދާޅުވީ، މި އިނިޝިއޭޓިވްގެ ސަބަބުން ކުރިން ހައްޖުގެ ދަތުރުތުރުގައި އުފުލަންޖެހުނު ގިނަ ތަކުލީފުތަކެއް މި އަހަރު ހައްޖުވެރިން އުފުލަންނުޖެހޭނެ ކަމަށެވެ. މިގޮތުން، އެއާޕޯޓުގައި ގިނަ ވަގުތު މަޑު ކުރަން ނުޖެހުމާއި، ހައްޖުވެރިން އަމިއްލައަށް ފޮށި ތަންމަތި އުފުލަން ނުޖެހުން ފަދަ ބޮޑެތި ލުއިތަކެއް ލިބިފައިވާ ކަމަށް ރައީސް ޑރ މުއިއްޒު ފާހަގަކުރެއްވިއެވެ.
ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ ފުރަތަމަ 235 ހައްޖުވެރިންނަށް ސައުދީ ސަރުކާރުން ވަރަށް ހޫނު މަރުހަބާއަކާއެކު ފުރިހަމަ މެހެމާންދާރީއެއް އަދާކޮށްފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މުޅި ހައްޖު ދަތުރުގައިވެސް ހައްޖުވެރިންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމާއި، ހައްޖުވެރިންނަށް ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވާފައިވެއެވެ.
ރައީސް ޑރ މުއިއްޒު ވިދާޅުވީ، މިއީ މިހާތަނަށް ދިވެހި ހައްޖުވެރިންނަށް އެންމެ ލުއި އަދި އިންތިޒާމުތައް އެންމެ ރަނގަޅު ހައްޖު މޫސުމަށްވާނެ ކަމަށެވެ. ހަމައެހެންމެ، އެމަނިކުފާނުގެ އުންމީދަކީ މި އަހަރަށްވުރެ ކުރިއަށް ހުރި އަހަރުތަކުގައި ހިދުމަތްތައް ރަނގަޅުވެ ކަންކަން ފަހިވުމަކީ އެމަނިކުފާނު އުއްމީދެއް ކަމަށްވެެސް ވިދާޅުވިއެވ
"ދިވެހި ޙައްޖުވެރީންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް މިއަހަރު ހޯދައިދެވޭތީ މާތްﷲގެ ޙަޟްރަތަށް ޙަމްދުކުރަން. އަދި ސަޢޫދީ ސަރުކާރަށް ޝުކުރު ދަންނަވަން.،" ރައީސް ވިދާޅުވިއެވެ.
އަދި ހުރިހާ ހައްޖުވެރިންނަށް ހިތްހަމަޖެހުމާއި، ދުޅަހެޔޮކަމާއެކު މަބްރޫރު ހައްޖެއް ލިބުން އެދިވަޑައިގެން މާތްﷲގެ ހަޒްރަތުގައި އެމަނިކުފާނު ދުއާކުރެއްވިއެވެ.

