ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް އަންނަ ޖުލައި 26 ގައި ހުޅުވުމަށް ވަނީ ނިންމާފައެވެ.
ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި އޭވިއޭޝަން ފޯރަމްގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ޝަފީޒު އަހުމަދު ވިދާޅުވި ގޮތުގައި، އާ ޓާމިނަލްގައި ޗެކިން ކައުންޓަރުތަކާއި އޮޓަމޭޓެޑް ބެގޭޖު ހެންޑްލިން ސިސްޓަމް ގާއިމުކުރެވޭނެއެވެ. އަދި ޓާމިނަލް ހުޅުވުމަށްފަހު ތިން މަސްދުވަހުގެ ތެރޭގައި ކުރީގެ ޓާމިނަލުން ދެމުން އައި ހުރިހާ ޚިދުމަތެއް އާ ޓާމިނަލަށް ބަދަލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އާ ޓާމިނަލް މިދިޔަ އަހަރުގެ ފަހުކޮޅު ހުޅުވުމަށް ރޭވި ނަމަވެސް، އެއާލައިން އޮޕަރޭޓާސް ކޮމިޓީ (އޭއޯސީ)ގެ ލަފާގެ މަތިން، ވިންޓަރ ސީޒަންގެ ސުޕަރ ޕީކްގައި ޓެކްނިކަލް މައްސަލައެއް ދިމާވެދާނެކަމަށް ބެލެވޭތީ، ލޯ ސީޒަންއަށް ހުޅުވުން ފަސްކުރަން ނިންމާފައިވެއެވެ.
އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ފެށުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ނިމިފައިވަނީ މަޝްރޫޢުގެ 54 އިންސައްތައެވެ. ނަމަވެސް މިހާރު ވަނީ މަޝްރޫޢުގެ 40 އިންސައްތައަށްވުރެ ގިނަ މަސައްކަތް ނިންމައި، ހުޅުވުމަށް ތައްޔާރުވެފައެވެ.
އާ ޓާމިނަލްގައި އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ. މި ޓާމިނަލްގައި ހަ އެއަރޯ ބްރިޖާއި، 47 ޗެކްއިން ކައުންޓަރު، ހަ ސެލްފް ސަރވިސް ކިއޮސްކް، ޒަމާނީ ބެގެޖް ހޭންޑްލިން ސިސްޓަމް އަދި އެޑްވާންސް ސެކިއުރިޓީ ސްކްރީނިން ސިސްޓަމެއް ހިމެނެއެވެ. މީގެ އިތުރުން 78,000 އަކަމީޓަރުގެ ޖާގައިގައި ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރަންޓް/ކެފޭތައް ވެސް ގާއިމުކުރެވޭނެއެވެ.
މި މަޝްރޫޢު ނިންމުމަށް ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އާއި އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓުން 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ވަނީ ހޯދާފައެވެ.

