އައިޖީއެމް ހޮސްޕިޓަލުގައި އަލަށް ގާއިމްކޮށްފައިވާ 75 އެނދުގެ މަލްޓި-ސްޕެޝަލިސްޓް ސާޖިކަލް ވިންގް މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވައިފިއެވެ. މި ވިންގަކީ އައިޖީއެމްއެޗްގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ލެބޯޓަރީ އާ ޖެހިގެން ތަރައްގީ ކޮށްފައިވާ ތަނެކެވެ.
ސަރުކާރުން ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މި މަޝްރޫއުގެ ސަބަބުން ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އައިޖީއެމްއެޗުން ވަނީ ފާހަގަކޮށްފައެވެ. އަދި މިއީ ސާޖަރީ ދާއިރާއިން ސިއްހީ ދާއިރާއަށް އަންނާނެ އިންގިލާބީ ބަދަލެއް ކަމަށްވެސް ވަނީ ބުނެފައެވެ.
މި އައު ވިންގްގައި ޖެނެރަލް ވޯޑުގެ ގޮތުގައި 44 އެނދު، ހައިޑިޕެންޑެންސީ ޔުނިޓްގެ ގޮތުގައި 15 އެނދު، އަދި ޕްރައިވެޓް ރޫމްގެ ގޮތުގައި 14 ކޮޓަރި ހިމެނެއެވެ. އަދި ފުރަތަމަ ފަހަރަށް ބާން ޔުނިޓެއްގެ ގޮތުގައި ދެ އެނދު ވަނީ ގާއިމްކޮށްފައެވެ.
މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގް ހަލީމް ވިދާޅުވި ގޮތުގައި، "މިވީ ދޮޅު އަހަރު ދުވަހުގެ ތެރޭގައި 194 އެނދު އިތުރު ކުރެވިގެން ގޮސްފައިވާއިރު، މިއަދު ހުޅުވިގެންދާ މަލްޓި-ސްޕެޝަލިސްޓް ސާޖިކަލް ވިންގާއެކު އެނދުގެ އަދަދު 510 އަށް އިތުރުވާނެ" އެވެ.
މި އައު ވިންގްގައި ޖެނެރަލް ސާޖަރީގެ އިތުރުން، ނިއުރޯ ސާޖަރީ، ޕްލާސްޓިކް ސާޖަރީ، އޯތޯ ސާޖަރީ އަދި ޔޫރޮލޮޖީ ފަދަ ޚިދުމަތްތައް ހޯދާ ފަރާތްތައް އެޑްމިޓް ކުރެވޭނެ ކަމަށް ރައްޒާގް ވަނީ ފާހަގަކުރައްވާފައެވެ. މިހާރު އެ ހޮސްޕިޓަލުގައި 32 މަލްޓި ސްޕެޝަލިޓީ ޚިދުމަތްތައް ފޯރުކޮށްދެމުން ގެންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

